15 Aug 2023, 08:31
ސިނަމާތަކުގައި އަދިވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ "ބާބީ" ފިލްމު، މި އަހަރު ބޮކްސް އޮފީހުގެ އެންމެ ކާމިޔާބު ފިލްމާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
ގްރެޓާ ގާވިގް ޑައިރެކްޓް ކުރި ބާބީ ފިލްމަކީ މެޓެލްގެ ބާބީ ބުދަށް މުޅިން އާ ވާހަކައެއް ދިނުމަށް ތައްޔާރު ކުރި ފިލްމެކެވެ. ތަފާތު އެކި މާކެޓިންތަކާ އެކު ފިލްމުގެ ވާހަކަ އަޑު ނާހާ މީހެއް މަދުވާނެއެވެ. އެއާ އެކު އެތައް ބަޔަކު ތިބީ މި މަސް ފެށުމުގެ ކުރިން ވެސް ފިލްމަށް ކެތް މަދުވެފައެވެ.
ބާބީ އެޅުވިތާ އަދި މަހެއް ނުވާއިރު ދުނިޔޭގެ އެކި ކަންކޮޅުގެ ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތީ މި ފިލްމެވެ. އެގޮތުން މި އަހަރުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑަށް މިހާރު ބާބީ އަމާޒު ހުރިއިރު އެ ރެކޯޑު ވަނީ އެމެރިކާގައި މުގުރާލާފައެވެ. މިހާރު ބާބީ އަކީ މި އަހަރު އެމެރިކާގައި އެންމެ ބޮޑު އާމްދަނީ ލިބުުނު ފިލްމެވެ. މީގެ ކުރިން އެއްވަނައިގައި އޮތީ މާރިއޯ ބްރޮސްއެވެ.
މި އަހަރު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު އަދިވެސް އޮތީ އެ ފިލްމު އަތުގައެވެ. ނަމަވެސް ބާބީ ވަނީ ފިލްމާ ދެމެދުގައި އޮތް ފަރަގު ވަރަށް ކުޑަކޮށްލާފައެވެ. މާރިއޯއަށް ޖުމްލަ އާމްދަނީއެއްގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ލިބިފައިވާއިރު ބާބީއަށް ވަނީ 1.2 ބިލިއަން ޑޮލަރު ލިބިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހަފުތާއެއްގެ ތެރޭގައި ބާބީ އެ ރެކޯޑު މުގުރާލައި އަހަރުގެ އެންމެ ބޮޑު ފިލްމަށް ވާނެއެވެ.
ބާބީ އާއި ކެންގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ބާބީގެ ރޯލުން ފެންނާނީ މާގޯ ރޮބީ އާއި އިސާ ރޭ އަދި ޑުއާ ލީޕާ އާއި އެމާ މެކީއެވެ. ކެންގެ ރޯލުން ފެންނާނީ ރާޔަން ގޮސްލިން އާއި ސިމޫ ލިއޫއެވެ. އިތުރު ރޯލުތަކުން އެމެރިކާ ފެރޭރާ އާއި ވިލް ފެރެލް ފެންނާނެއެވެ.