15 Aug 2023, 08:58
ފިލްމީ ދާއިރާގައި އެކްޓިވްކޮށް މަސައްކަތްކުރުމަކީ އެދާއިރާގައި އުޅެވޭކަމުގެ ހެއްކެއްކަމަށާއި އެކަން ސާބިތުކޮށްދިނުމަށް ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން މުހިންމު ނޫންކަމަށް ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރާޖް ކުމާރު ރާއޯ ބުނެފިއެވެ.
މިމަހުގެ 18ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ގަންސް އެންޑް ގުލާބު"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން އެކްޓަރު ބުނީ ފިލްމީ ދާއިރާގައި އެންމެ ފަސޭހައިން އުޅެވޭނީ ފިލްމީ މަސައްކަތްތަކަށް ފޯކަސްކޮށްގެންކަމަށެވެ.
ރާޖް ކުމާރު ރާއޯ ބުނެފައިވަނީ ފިލްމު އިންޑަސްޓްރީގައި ސޯޝަލް މީޑިއާ އެއްވެސްވަރަކަށް ބޭނުން ނުކުރާ އެކްޓަރުންވެސް އެބަތިބިކަމަށެވެ. އެގޮތުން މިސާލެއްގެގޮތުން ރަންބީރު ކަޕޫރުއަކީ ސޯޝަލް މީޑިއާ ބޭނުންނުކުރިނަމަވެސް ބަރާބަރަށް ފިލްމީ މަސައްކަތްތައް ކުރަމުން އަންނަ އެހެން ތަރިންނަށްވުރެ ސަޕޯޓަރުންގެ މެދުގައި ވަކި މަގުބޫލުކަން ކުޑަ އެކްޓަރެއް ނޫންކަމަށް ރާޖް ކުމާރުވަނީ ބުނެފައެވެ.
އާއްމުންގެ ގިނަ ބަޔަކު ފިލްމީ ތަރިން ދަންނަނީ އެކްޓުކުރާ ބައެއްގެގޮތުގައި ކަމަށާއި ނަމަވެސް އިންފްލުއެންސާއެއްގެގޮތުގައި ބައެއް ތަރިން މަޝްހޫރުވާން ބޭނުންކަމީ އަދި އެހެންކަމެއްކަމަށް ރާޖްކުމާރު ރާއޯ ބުންޏެވެ.
އެމީހެއްގެ ދިރިއުޅުމުގައި ދުވާލެއްގެ މައްޗަށް ހިނގާ ކަންކަމުގެ ވާހަކަ އާއްމުންނާ ހިއްސާކުރުމަކީ އިންފްލުއެންސާސްއިންނަށް އެންމެ އެކަށީގެންވާކަމެއްގެގޮތުގައި ރާޖްކުމާރު ރާއޯވަނީ ސިފަކޮށްފައެވެ. ސޯޝަލް މީޑިއާގައި އުޅޭ ތަރިންގެ އެފަދަ އަމަލުތަކާ އެކްޓަރު ދެކޮޅު ނޫންކަމަށާއި އެކި މީހުންގެ ނަޒަރުގައި ކަންކަން ދެކޭގޮތް ތަފާތުވުމަކީ އެކަށީގެންވާކަމެއްކަމަށް ރާޖްވަނީ ބުނެފައެވެ.
ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އެކްޓަރުންގެގޮތުގައި ގިނަ ބަޔަކު ސިފަކުރާ ރާޖް ކުމާރުގެ މިވާހަކައަށް ސައުތު ސިނަމާގެ އެކްޓަރު ދަލްގީރުވެސްވަނީ އެއްބަސްވާކަމަށް ބުނެފައެވެ. ބައެއްފަހަރު ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަކީ މުހިންމުކަމެއްކަމަށާއި އޭގެ ސަބަބުން ވަރަށް ގިނަ ކަންކަމުން ބޯދަމައިގަނެވޭ ފަހަރުވެސް އަންނަކަމަށް ދަލްގީރުވަނީ ބުނެފައެވެ.
ތަޖުރިބާކާރު ޑައިރެކްޓަރުން ކަމަށްވާ ރާޖް އާއި ޑީކޭގެ "ގަންސް އެންޑް ގުލާބްސް" ސްޓްރީމްކުރުމަށް ނިންމާފައިވަނީ ނެޓްފްލިކްސްއިންނެވެ.