15 Aug 2023, 00:54
ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން ކުރި އަމުރު އިސްތިއުނާފް ނުކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.
ވ. އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ, ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވާފައިވަނިކޮށް، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅީ މި އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ.
އެއާއެކު އެމައްސައިގައި ހިމެނޭ ފަސް މިލިއަން ޑޮލަރު ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ނަމަ އެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރެދިނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އެއަމުރާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކޮށްފައިވާނީ ޖިނާއީ ހުކުމެއްގެ އަދަބާމެދު ޢަމަލުކުރުމަށް ޤާނޫނު ދަންނަނީ އެއް އުސޫލުތަކަކަށް ކަމަށްވާތީ, ޖަލު އަދަބު ވެސް ޖޫރިމަނާ އަދަބު ވެސް ތަންފީޒުކުރުން ފަސްކުރާނެ ތަނެއް ނެތް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ހައިކޯޓުން ނެރުއްވާފައިވާ އަމުރަކީ ވަގުތީ އަމުރެއްކަމަށްވެފައި, ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް 16 އޮގަސްޓް 2023 އަށް ތާވަލުކުރެވިފައިވާތީ, އިސްިތިއުނާފީ މައްސަލައާމެދު ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނާނެތީ, ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ ހުކުމް ތަންފީޒުރުން ފަސްކުރުމުގެ އަމުރު އިސްތިއުނާފު ނުކުރުމަށް ނިންމައިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން މައްޗަށް އުފުލާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާގެ ސަބަބުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން އެމަނިކުފާނަށް އެ ފުރުސަތު މިހާރު ވަނީ ގެއްލިފައެވެ.