ސައުދީ އަރަބިއްޔާގެ، މައްކާގައި މިއަދު ނިމުނު، "ކޮމިއުނިކޭޝަން އެންޑް އިންޓަގްރޭޝަން" ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، ކަރުދާހެއް ހުށަހަޅައިފިއެވެ.

އެ ކަރުދާސް ހުށަހެޅުއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ރައީސް އިލްޔާސް ޖަމާލެވެ.

ޝެއިޚް އިލްޔާސް "ސަން" އަށް ވިދާޅުވީ މިއީ މި ކޮންފަރެންސް އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.

"މި ކޮންފަރެންސުގެ މައިގަނޑު ބޭނުމަކީ އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެދުން. އަދި އިސްލާމީ އުންމަތުގައި ހުރި ބައެއް ކަންކަމާމެދުގައި މަޝްވަރާކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ކޮންފަރެންސް މި ފެންނަނީ" އޭނާ ވިދާޅުވިއެވެ.

މިއަދު އިލްޔާސް ވަނީ އެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އިލްމީ ކަރުދާހެއް ހުށަހަޅުއްވާ، ތަގުރީރު ކުރައްވާފައެވެ. އޭނާގެ ކަރުދާހުގައި އަލި އަޅުއްވާލައްވާފައިވަނީ ރާއްޖޭގައި އިސްލާމީ ދައުވަތު ފެތުރުއްވުމާ ބެހޭ ގޮތުންނެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ކޮންފަރެންސް ކަމަށެވެ. އަދި މި ފަދަ ކޮންފަރެންސްތަކުން އިސްލާމީ އުއްމަތަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ފެށި އެ ކޮންފަރެންސަކީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައުދުގެ ލަފާފުޅުގެ މަތިން ބޭއްވި ހަރަކާތެކެވެ. ދުނިޔޭގެ 80 ގައުމަކުން 150 އަށް ވުރެ ގިނަ އިލްމުވެރިން އެ ކޮންފަރެންސުގައި ބައިވެރިވެއެވެ.

ރާއްޖޭގެ ފަރާތުން އެ ކޮންފަރެންސުގައި ބައިވެރިވީ ސައުދީގެ އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށެވެ.