14 Aug 2023, 18:15
މަަނަދޫ ދާއިރާގެ، ޕީޕީއެމްގެ ސްޓީރިން ކޮމިޓީގެ ނާއިބު ރައީސް މުސްލިމް މުހައްމަދު އެޕާޓީން ވަކިވެ، އެމްޑީއޭއަށް ސޮއިކުރައްވައިފިއެވެ.
މުސްލިމް އެމްޑީއޭއަށް ސޮއި ކުރައްވާފައިވަނީ ނ. މާފަރުގައި ބޭއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ކެންޕޭނު ޖަލްސާ ގެ ތެރެއިންނެވެ. އޭނާ ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލުކުރީ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަށެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްލިމް ވިދާޅުވީ، އޭނާ އެމްޑީއޭއާ ގުޅުނީ ސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާކަމެއް ޒުވާނުންނާއި ގުޅިގެން ކުރެއްވުމަށް ކަމަށެވެ.
"އަޅުގަނޑު އެމްޑީއޭއާ ގުޅުނީ އެންމެހާ ތަރައްގީތަކެއް މި ރަށަށް އަދި މި އަތޮޅަށް ހޯދައިދެނީ އެމްޑީއޭގެ ލީޑަރު ކަމަށް ވާތީ، އަޅުގަނޑާއެކު މާފަރުގެ ލޮބުވެތި ޒުވާނުން މި ސަރުކާރު ދެމެހެއްޓުމަށްޓަކައި ވީހާވެސް ގިނައިން، އަދި އެންމެން އެކުގައި މަސައްކަތްކޮށް، މި ސަރުކާރު ގެނައުމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ކޮށް ދިނުމަށް މާފަރުގެ ހުރިހާ ޒުވާނުންގެ ކިބައިން އެދެން" މުސްލިމް ވިދާޅުވިއެވެ.
އޭނާ އަކީ ޕީޕީއެމް އުފެދުނީއްސުރެ، އެޕާޓީއަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވައި، އިސް މަގާމުތަކެއް އަދާ ކޮށްދެއްވި ބޭފުޅެކެވެ.
ރައީސް މާފަރަށް ވަޑައިގަތީ، ހޮނިހިރު ދުވަހުން ފެށިގެން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުންނެވެ. އެ ދަތުރުގައި އެމްޑީއޭގެ ރައީސް، ސިޔާމް ވެސް ބައިވެރިވެ ވަޑައިގަތެވެ.