07 May 2012, 19:27
ޚާއްސަ އިނާމާބެހޭ ކޮމިޓީ، އެކުލަވާލައި އެ ކޮމިޓީއާ ރައީސްލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ކޮމިޓީއަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް، ސަރުކާރުން ކުރިން ދެމުން އައި އިނާމު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެއްގެ ގޮތުގައި، މިއަހަރުން ފެށިގެން ދިނުމަށާއި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ފަންނީ ކޮމިޓީއަކުން އިނާމުގެ ކަންތައްތައް ގެންދެވުމަށް، މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީއެކެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މ. މެރީލިއާ ޑރ. ޙަސަން ޙަމީދާއި، ހ. ސަންދަރޯސްގޭ ޑރ. ޢަބްދުލްމުޙްސިން މުޙަންމަދާއި، މ. ބްލޫސްޓޯން ޑރ. އަޙްމަދު އަންވަރާއި، މ. ދާޝިން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، ހ.ކަނޑޫމާގޭ އާމިނަތު ރީނާއެވެ.
ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރައްވަން ބޭނުންވާ ކަމަށާއި، މިއީ މަތީ ތަޢުލީމަށް ދެވޭ ވަރަށްބޮޑު ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ. އަދި މި އިނާމު ދެއްވުމުގައި މިހާތަނަށް ބައްލަވަމުން ގެންދެވި އުޞޫލުތައް، މިކޮމިޓީން އަލުން ބައްލަވައި، ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލުތަކެއް ގެންނެވުމަށާއި، ކޮމިޓީގެ ބޭފުޅުންނަކީ، މިކަމަށް ވަރަށް ޤާބިލް ބޭފުޅުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ދެމުން ގެންދެވި ޚާއްޞަ އިނާމަކީ، ރާއްޖެއިން ބޭރުގައި އޮންނަ ކޯސްތަކުން އެއް ވަނަ ހޯދާ ދިވެހިންނަށާއި، ބޭރު ޤައުމުތަކުގައި ބާއްވާ އެކިއެކި މުބާރާތް ނުވަތަ މަޢުރަޒުފަދަ ކަންކަމުގައި، ދިވެހި ސަރުކާރުގެ ފަރާތެއް މެދުވެރިވެގެން ނުވަތަ ސަރުކާރުގެ ހުއްދައާއެކު، ނުވަތަ ރާއްޖޭގެ ނަމުގައި ބައިވެރިވެ، މަތީ ވަނައެއް ނުވަތަ އިނާމެއް ހޯދާ ފަރާތްތަކަށާއި އަދި ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖެއަށް ރީތި ނަމަކާއި ޝަރަފެއް ހޯދާ ފަރާތްތަކަށެވެ.
މި އިނާމު ދޭން ފެށީ ރައީސް މައުމޫންގެ ދައުރުގައި، 1985 ވަނަ އަހަރުއެވެ. 2007 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކު މި އިނާމު ދެއްވަމުން ގެންދަވާފައިވެއެވެ.