14 Aug 2023, 21:50
ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަކީ ބޮޑުތިލަދުންމަތީގެ ފަޚުރުކަމުގައި ނިންމަން އެބަޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި ބޭއްވި ޑރ. މުއިއްޒުގެ ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ސުޖާއު ވަނީ ޑރ. މުއިއްޒަށް ބޮޑުތިލަދުންމަތީގެ ފުރިހަމަ ތާއީދާއި ރުހުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.
"ޝައްކެއްވެސް ނެތް އަޅުގަނޑުމެންގެ ކެންޑިޑޭޓް ޑރ. މުއިއްޒު އަކީ އަޅުގަނޑުމެންގެ އަތޮޅަށް ފަޚުރެއް. މިއީ ބޮޑުތިލަދުންމަތީގެ ފަޚުރުކަމުގައި އަޅުގަނޑުމެން އެބަޖެހޭ ނިންމަން،" ސުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ހިނގައްޖެ ކަމަށާއި އެހެންކަމުން މިއީ އެކަންކަން އިސްލާހުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި ލިބޭ ފުރުސަތުގެ ބޭނުން ބާރަށު ދާއިރާއިން ހިފައިފި ނަމަ ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑރ. މުއިއްޒުގެ ޒައާމަތެއްގައި ބާރަށު ދާއިރާއަށް ބޭނުންވާ އެއްވެސް ކަމެއް އުނިނުކޮށް ހުރިހާކަމެއް ވެސް ކޮށްދެއްވާނެ ކަމަށާއި ޑރ. މުއިއްޒަކީ ފިލައިގެން އުޅުއްވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
ޑރ. މުއިއްޒުގެ ވެރިކަމެއްގައި ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ކޮރަޕްޝަންގެ ޢަމަލެއް ހިންގަން ފުރުސަތު ނުދޭނެ ކަން ފާހަގަ ކުރައްވާ، ސުޖާއު ވިދާޅުވީ އޭނާ ސަރުކާރު ހިންގަވާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށެވެ.
"ޑރ. މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންނަށް ދެފުށާއި އެތެރެއާއި ހަތަރެސް ފަރާތުން ފެންނާނެ ދައުލަތެއް އެމަނިކުފާނު އުފައްދަ ދެއްވާނެ. އޭގެ މާނައަކީ ޚަރަދު ކުރާ ގޮތާއި އާމްދަނީ ލިބޭ ގޮތް ރައްޔިތުންނަށް ފެންނާނޭ. މިހެން ވަގުވަގަކަށް ނޫނޭ ވެރިކަން ކުރައްވާނީ،" ސުޖާއު ވިދާޅުވިއެވެ.
މުއިއްޒުގެ ވެރިކަމެއްގައި ބާރަށު ދާއިރާ ބާކީ ނުކުރާނެ ކަމަށާއި މުޅި ކެބިނެޓް މަސައްކަތްކުރާނީ އެ ދާއިރާގެ ރައްޔިތުންނާ އެކުގައި ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި އެއްވެސް ރައްޔިތަކު މާޔޫސް ވާން ނުޖެހޭނެ ކަމަށާއި ފިކުރާއި ޚިޔާލު ތަފާތުވާ ފަރާތްތަކުން ވެސް އުފާފާގަތިކަންމަތީގައި ގެންގުޅުމުގެ ގާބިލުކަން އެމަނިކުފާނުގެ ކިބައިގައި ހުންނާނެ ކަމަށް ސުޖާއު ފާހަގަކުރެއްވިއެވެ.
ސުޖާއު ވިދާޅުވީ މުއިއްޒަށް ބާރަށު ދާއިރާގެ ރައްޔިތުންގެ ތާއީދާއި ރުހުން ބޮޑުތަނުން ލިބޭނެ ކަމަށާއި އެއީ ހިތުގައި ޝައްކު ހިނގާ ކަމެއްވެސް ނޫން ކަމަށެވެ.
މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް މިކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ލަތީފް އާއި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވައެވެ.
ބާރަށު ދާއިރާގައި ހިމެނެނީ ހަތަރު ރަށެވެ. އެއީ ހއ. އުތީމު އާއި ހއ. ބާރަށާއި ހއ. މުރައިދޫ ދާއި ހއ. ތަކަންދޫއެވެ.