ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނ. އަތޮޅުން ރެކޯޑް އަދަދަކަށް ވޯޓު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ވަޑައިގެންނެވި މާފަރުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނީ ތަފާތު ބޮޑު ނަތީޖާއަކުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ނުވައެއް ސެޕްޓެމްބަރުގައި ބޭއްވޭ އިންތިޚާބުގައި ރެކޯޑް އަދަދަކުން، ރެކޯޑް އަދަދަކުން ނ. އަތޮޅުން އަޅުގަނޑުމެންނަށް ވޯޓު ލިބޭނެކަމުގެ ޔަގީންކަން ކަށަވަރުވެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ ނ. އަތޮޅުގެ ލޮބުވެތި ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ސަރުކާރު ބަދަލުކުރަން ރައްޔިތުން ނިކުންނަ ސަގާފަތް ބަދަލުވީ މި ސަރުކާރުން ދެއްކި މަންޒަރު ތަފާތުވުމުންކަމަށެވެ.

"ރައްޔިތުންގެ ވިސްނުން އެ ގޮތަށް އެ ފެންނަނީ ކީއްވެގެންތޯ އަޅުގަނޑުމެން ހިތަށް އަރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެއީ ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަންކަން ބަލައިގަންނާތީކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ތަފާތު ރައްޔިތުންނަށް ފެނިގެން އެ ދިޔައީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތްތައް ރައްޔިތުން ގަބޫލުކުރާތީ. ސަރުކާރަށް އިތުބާރުކުރާތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ނ. މާފަރުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ ވާދަވެރިންގެ ތެރެއިން އެއްވެސް ޕާޓީއަކަށް ކޯލިޝަން ހަދާނެ ބައިވެރިއަކު ނުލިބުނު ކަމަށެވެ.

ބައެއް ޕާޓީތަކުން މަޝްވަރާކޮށް ސޮއިކޮށްފާނެހެން ހީވިއަސް، ފަހު ވަގުތު ހުރިހާ ޕާޓީއަކުން އިންތިޚާބަށް ނިކުތީ ވަކިންކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ އެ ހުރިހާ ޕާޓީއަކުން ވެސް ވެރިކަމަށް ދަހިވެތިވާތީީކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ބޭފުޅުން ވަރަށް މަސައްކަތްކުރި ބައިވެރިވާނެ މީހަކު ލިބޭތޯ. ރެޔާއި ދުވާލު އެއް ރަށުން އަނެއް ރަށަށް ރިސޯޓުތަކަށް ގޮސް މަޝްވަރާކޮށް ފޮޓޯތައް ފެނޭ އަޅުގަނޑަށް. ޕްރެސްކޮންފަރެންސް ވެސް ބޭއްވި. ދެ ޕާޓީ ތިން ޕާޓީ އެއްވެގެން. މާދަމާ ސޮއިކުރާނެހެން ވެސް ހީވި،"

"ނަމަވެސް ކޮންމެ މީހަކު ވަކިވަކިން ވަކިވަކިން ބައިވެރިވާނެ އެކަކު ވެސް ނެތް. އެހެންނޫންތޯ ވާނީ، އެއިން ކޮންމެ ބޭފުޅަކު ބޭނުންވަނީ ވެެރިކަން، ނޫނިއްޔާ ބޮޑުވަޒީރުކަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ޕާޓީއަކަސް ވެރިކަން ލިބުނުކަމުގައިވީ ނަމަވެސް ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ނޯންނާނެކަމަށާއި އެއީ އެ ޕާޓީތަކުގެ ވެރިން އަމިއްލަ އެދުންތައް އިސްކޮށް ނިކުމެ ތިބުމުންކަމަށް ރައީސް ވިދާޅުވިއެވެ.