ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯތިލިބޭ މީހުންގެ ލިސްޓު އާންމުކުރިއިރު، ވަގުތީ ލިސްޓުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ދާއިމީ ލިސްޓަށް ކޮލިފައިވެފައިވެއްޖެއެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރި އިރު، މަޖިލީހުގެ ދިހަ މެންބަރެއްވަނީ ގޯއްޗަށް ޝަރުތުހަމަވެފައެވެ. އެ ދިހަ މެންބަރުން ވެސް މިއަދު ހައުސިން މިނިސްޓްރީން އިއުލާނު ކުރި ލިސްޓުގައި ގޯތި ލިބޭ މީހުންގެ ތެރޭގައި ހިމެނެއެވެ.

އެއީ އެމްޑީޕީގެ ފަސް މެންބަރުންނާއި، ޑިމޮކްރެޓްސްގެ ހަތަރު މެންބަރަކާއި އެމްއެންޕީގެ މެންބަރެކެވެ.

އެ މެންބަރުންނަކީ؛

  • އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި، ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް

  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް
  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު
  • ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް

މީގެ ތެރެއިން މުއިއްޒު ފިޔަވާ އެހެން ހުރިހާ މެންބަރުންނަކީ، އިތުރު ބަޔަކާ ގުޅިގެން ފޯމު ހުށަހެޅުއްވި ބޭފުޅުންނެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ އަދަދު އިއްޔެ ހައުސިން މިނިސްޓްރީން އާންމުކުރި އިރު، ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ އަދަދު ވަނީ ވަގުތީ ލިސްޓަށް ވުރެ އިތުރުވެފައެވެ. އެގޮތުން ވަގުތީ ލިސްޓުގައި 19،858 މީހެއްގެ ޝަރުތު ހަމަވާ ކަމަށް އޮތް އިރު، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ.

ރޭ ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.

ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.