އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނައިބް ރައީސް އަލްހާން ފަހުމީ މަގާމުން ވަކިކުރި މައްސަލާގައި ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ކަނޑައަޅައި އެ މައްސަލަތައް ބެލުމަށް ގަނޫނީ ޓީމަކާ ހަވާލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު މިއަދު ވިދާޅުވީ އެ ޓީމާ ހަވާލު ކުރި މަސައްކަތް ނިންމު މަށް ފަހު އަންނަ ހަފުތާގެ ތެރޭގައި ރިޕޯޓް ލިބޭނެ ކަމަށާއި އަދި އެ އަށް ފަހު ކޮމިޝަނުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ފަޔާޒު ވިދާޅުވީ މިއަދު ކޮމިޝަންގެ މެންބަރުން ކުރެއްވި މަޝްވަރާތަކުން ޑީޑީ އާއި އަލްހާން ރައީސާއި ނާއިބު ރައީސްގެ މަގާމަށް އިންތިހާބްކޮށްފައި ވަނީ ވެސް ކޮމިޝަންގެ ދަފްތަރުގައި އޮތް އަސާސީ ގަވާއިދާ އެއްގޮތަށް ނޫން ކަން ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެ ނިންމުމަކީ އެޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ބެލޭނީ ވެސް ގާނޫނީ ޓީމުން ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން މި ބުނަނީ ގަވާއިދާ އެއްގޮތަށޭ ވަކިކޮށްފައި ވަނީ. ނަމަވެސް އެ ދެ ބޭފުޅުން އެބަވިދާޅުވޭ ގަވާއިދާ ހިލާފަށޭ، ]ވަކިކޮށްފައި ވަނީ[. އެހެންވެ ގާނޫނީ ގޮތުން ބަލަން އެބަޖެހޭ އެކަމުގެ ޝައްކަ މިންވަރު. އަސާސީ ގަވާއިދަށް ބަދަލެއް ގެނެސް އެކަން ކޮމިޝަނަށް ނާންގާ އޮއްވައި އެ ބޭފުޅުން ނިންމާ ނިންމުމަކަށް ބަދަލެއް ނާންނާނެ. ނަމަވެސް އެލިޔުންތައް ހުށަހަޅަން ޖެހޭނެ. ހުށަނޭޅި ނަމަވެސް އެޕާޓީއަކުން ދައްކަން ޖެހޭ ޕެނެލްޓީއެއް ނޯވެ،" ފަޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ޑރ.ޑީޑީ އާއި އަލްހާން މަގާމުން ވަކިކޮށްފައިވާ މައްސަލަ ޑރ. ޑީޑީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ އިރު އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް އަލްހާން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.