އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން އިތުރު 500 އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ އިންތިޚާބުގެ ކަންކަމަށް ބޭނުންވާ އޮފިޝަލުން ގާތްގަނޑަކަށް މިހާރު ހަމަވެފައިވާ ކަމަށެވެ. އަދި އިތުރަށް ބޭނުންވަނީ ރިޒާވް އޮފިޝަލުންގެ ގޮތުގައި ބޭނުންވާ 500 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައިވާގޮތުން އޮފިޝަލަމަށް ވުމަށް އެދި ހުށަހަޅާ މީހުންނަކީ 18 އަހަރު ފުރިފައިވާ ބަޔަކަށް ވާންޖެހެއެވެ.

އޮފިޝަލަކަށް ކުރިމަތިލާ މީހާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އިސް މަގާމެއް އަދާކުރަމުންދާ މީހަކަށް ވެގެންނުވާނެއެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ވެސް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިނުވެވޭނެއެވެ.

އެ އިއުލާނުގައިވާގޮތުން ކެންޑިޑޭޓެއްގެ އާއިލާގެ މީހަކަށް ވެސް އޮފިޝަލަކަށް ނުވެވޭނެއެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ކަނޑައެޅިފައިވާ އަދަދަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިނުވާ ރިސޯޓްތަކާއި ގައުމުތަކުގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ވޯޓުލާން ރީ ރަޖިސްޓްރީކުރަން އެ ކޮމިޝަނުން ހުޅުވާލި މުއްދަތު މިއަދަށް ހަމަވާނެއެވެ.

އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓާއި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ މައުލޫމާތު މި މަހުގެ 18 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސި އިންތިޚާބުގައި، ވޯޓު ލުމަށް މުޅި ޖުމުލަ 604 ފޮށި ބެހެއްޓުމަށް ނިންމާފައި ވާއިރު، ވޯޓުލުމުގެ ފުރުސަތު 283،272 މީހަކަށްް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. އެެއީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒާއި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާއި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.