07 May 2012, 16:29
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ރަސްމީ މަސައްކަތް ހިންގާނެ އޮފީހަކީ ސުޕްރީމް ކޯޓުގެ އިމާރާތް ހިންގާ ތީމުގޭ މެއިންޓަނަސް މަސައްކަތް ކުރާ އިމާރާތްކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ އެ އިމާރާތް މީގެ ކުރިން ބޭނުން ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ކުރައްވަން ކަމަށާއި އެ އިމާރާތައް ޖެންޑާ ފެމިލީ ހިއުމަން ރައިޓްސް މަސައްކަތް ފަށައިގަތުމުގެ ކުރިން އިމާރާތަށް ގެންނަންޖެހޭ މަރާމާތުގެ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ އެމިނިސްޓްރީއަށް ބޭނުންވާ މުވައްޒަފުންގެ ކަންކަން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ހަމަޖައްސަވަމުން ގެންދަވާ ކަމަށާއި ސީދާ ރަސްމީކޮށް މިނިސްޓްރީން ދެއްވަން ޖެހޭ ހިދުމަތް ތައް ދޭން ފެށޭނީ މުވައްޒަފުން ހަމަޖެހުމުން ކަމަށެވެ.