މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީލިސްޓުގެޒެޓްކޮށް، އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ވަނީ ދާއިމީ ލިސްޓްގައި "ފުރަތަމަބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަކީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ބިމުން ގޯތި ލިބޭ ފަރާތްތައް ކަމަށެވެ. އަދި ދާއިމީ ލިސްޓްގައި "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައިވާ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް ކަމަށް އެ އިއުލާނުގައިވެއެވެ.

ދާއިމީ ލިސްޓުގެ "ފުރަތަމަ ބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ މީހުންނަށް ދެން ގޯތީގެ ގުރުއަތުލުމާއި ގޯތި ކެނޑުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"މިގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި އެސްއެމްއެސް އަދި އީ-މެއިލްގެ ޒަރީއާއިން އަންގަމުންގެންދާނެ ވާހަކަ ދަންނަވަން،" އިއުލާނުގައިވެއެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ އަދަދު އިއްޔެ ހައުސިން މިނިސްޓްރީން އާންމުކުރި އިރު، ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ އަދަދު ވަނީ ވަގުތީ ލިސްޓަށް ވުރެ އިތުރުވެފައެވެ. އެގޮތުން ވަގުތީ ލިސްޓުގައި 19،858 މީހެއްގެ ޝަރުތު ހަމަވާ ކަމަށް އޮތް އިރު، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ.

ރޭ ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.

ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރޭ ވިދާޅުވި ގޮތުގައި މި ފަހަރު ޖޮއިންޓުކޮށް ފޯމު ހުށަހަޅައިގެން، 25 އަހަރުން ދަށުގެ 2000 މީހަކަށް ގޯތި ލިބިފައިވެއެވެ.

މީގެ އިތުރުން، މި ދައުރު ނިމުމުގެ ކުރިން ލިސްޓުގައިވާ އެންމެންނަށް ގޯތި ކަނޑައިދީ، ރަޖިސްޓްރީކޮށް ނިންމާ ހަވާލުކުރެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވެފައިވެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ލިސްޓުގައި ޖޮއިންޓު ވެގެން ގޯތި ލިބޭނެ ކަމަށް ތިބި މީހުންނަށް އެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލިއެވެ.

މިދިޔަ ހުކުރު ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގުޅީފަޅާއި، ގިރާވަރުފަޅުގެ 50 ޕަސެންޓަށް ވުރެ ބޮޑުބައި ހިއްކާ ނިމިފައިވާ ކަމަށް ބުނެފައެވެ. އަދި ގޯތި ދޫކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް، މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.

މިމަހުގެ އަށްވަނަ ދުވަހު، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން ވެސް ވަނީ އާންމުކޮށްފައެވެ. އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 22އަށް ވަނީ ހުޅުވާލާފައެވެ.