ފިލްމު "މިސިސް ޗެޓަޖީ ވާސަސް ނޯވޭ" ކުޅެން އެއްބަސްވީ ހަޔާތުގެ ވަރަށް ހިތްދަތި ދުވަސްކޮޅެއްގައި ކަމަށާއި ނަމަވެސް އޭރު އެ ވާހަކަތައް ދައްކަން ބޭނުންނުވީ ވަރަށް ގިނަ ސަބަބުތަކަކާހެދި ކަމަށް ބަތަލާ ރާނީ މުކަރުޖީ ބުނެފިއެވެ.

މި މަހުގެ 10ވަނަ ދުވަހު މެލްބޯންގައި ކުރިޔަށްދިޔަ އިންޑިއަން ފިލްމު ފެސްޓިވަލުގައި ރާނީ ނަގައިދިން ހާއްސަ މާސްޓަރ ކްލާހުގައި ބަތަލާ ވަނީ އަމިއްލަ ޒާތީ ގިނަ ވާހަކަތަކެއްވެސް އޯޑިއަންސާއެކު ހިއްސާކޮށްފައެވެ.

މީގެ ތިން އަހަރުކުރިން ކޮވިޑް-19އިގެ ބަލިމަޑުކަން ތަޖުރިބާކުރަމުން ދިޔަ ދަނޑިވަޅުތެރޭ ރާނީ ބަލިވެއިން ކަމަށާއި އެހެންނަމަވެސް ބަނޑަށް ފަސް މަސްވީ ތަނާ ދަރިފުޅު ބައިގެން ދިޔައީ ކަމަށް ރާނީ ވަނީ ބުނެފައެވެ. ރާނީގެ ކެރިއަރުގެ ކާމިޔާބު ފިލްމު "މިސިސް ޗެޓަޖީ ވާސަސް ނޯވޭ" ބަތަލާއަށް ހުށަހެޅުނީ އޭގެ 10 ދުވަސް ފަހުން ކަމަށާއި މިއަދާ ހަމައަށްވެސް ފިލްމުގެ ޕްރޮޑިއުސަރަށް ވެސް އަދި ޑައިރެކްޓަރަށް ވެސް ދަރިފުޅު ބައިގެންދިޔަކަން ނޭނގޭނެ ކަމަށް ރާނީ ވަނީ ބުނެފައެވެ.

ރާނީގެ މި އިންޓަވިއުއަށްފަހު ފިލްމުގެ ޕްރޮޑިއުސަރު ނިކިލް އަދްވާނީއަށް ހައިރާންކަމެއް ލިބޭނެ ކަމަށާއި އޭރު އެ ޚަބަރު އެއްވެސް ފަރާތަކާ ހިއްސާކުރަން ބޭނުންނުވީ ފިލްމާ އެ ހާދިސާއާ އެއްވެސް ވަރަކަށް ގުޅުވަން ބޭނުން ނުވާތީ ކަމަށް ރާނީ ވަނީ ބުނެފައެވެ.

މިއަދުގެ ދުނިޔޭގައި ދިރިއުޅުމުގައި ދިމާވާ ވަރަށް ޒާތީ ކަންތައްތަކަކީ ވެސް އެއްބަޔަކު ފިލްމުތައް ޕްރޮމޯޓުކުރުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ސިފަ ކުރާ ކަމަށާއި ރާނީގެ އަމިއްލަ ޙަޔާތުގެ އެހާ ޖަޒުބާތީކަމެއް އޭރު އެއްވެސް ވަރަކަށް މީޑިއާގެ ސަމާލުކަމަށް ބަތަލާ ގެންނަން ބޭނުންނުވީ ކަމަށް ވެސް މި އިންޓަވިއުގައި ވަނީ ބުނެފައެވެ. އޭރު ފިލްމުގެ ޕްރޮމޯޝަންގެ ގޮތުގައި އަމިއްލަ ވާހަކަތައް ހިއްސާކުރުމަށްވުރެ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ފަރާތާބެހޭ މައުލޫމާތު ހިއްސާކުރުން މާ މުހިއްމުކަމަށް ރާނީ ވަނީ ބުނެފައެވެ.

ރާނީ މުކަރުޖީއަކީ ހިންދީ ސިނަމާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސްގެ ވެރިޔާ އަދިތުޔަ ޗޯޕްރާގެ އަންހެނުންނެވެ. ރާނީއަކީ އަދިތުޔާގެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވާއިރު މިއީ އަދިތުޔާގެ ދެވަނަ ކައިވެންޏެވެ.