ހިންދީ ސިނަމާގައި ކުރި ހޯދަމުން އަންނަ ޒުވާން ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ކުރިޔަށްއޮތް ފިލްމު "ތެންކް ޔޫ ފޯ ކަމިންގް"ގެ ކާސްޓު އިއުލާނުކޮށްފިއެވެ.

ރެއާ ކަޕޫރާއެކު އެކްތާ ކަޕޫރުވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމުގެ ލީޑިންގް ތަރިއަކީ ބޫމިކާ ޕެޑްނެކަރުއެވެ. ބޫމީއާއެކު ފިލްމުގައި ފެންނާނެ އިތުރު ތަރިންގެތެރޭ ޝެހެނާޒް ގިލް، ޑޮލީ ސިންގް، ޝިބާނީ ބެދީ، ކަރަން ކުންދްރާ، ތެޖަސްވީ ދޭވް އަދި ސުޝާންތު ދިވްގިކްރް ހިމެނެއެވެ.

ރެއާ ކަޕޫރުގެ މި ފަހަރުގެ ފިލްމު "ތޭންކް ޔޫ ފޯ ކަމިންގް"އަކީވެސް ބަތަލާއިންނަށް ހާއްސަކޮށްގެން އުފައްދާ ފީމޭލް ސެންޓްރިކް ފިލްމެކެވެ. ރެއާ ކަޕޫރުގެ އިތުރުން ބަތަލާ ބޫމިކާވެސް ވަނީ ފިލްމާ ގުޅުނުކަން އިއުލާނުކޮށްފައެވެ.

ފިލްމުގެ ޕޯސްޓަރުތަކެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު މި ފިލްމު ބިނާކޮށްފައިވާ ސްޓޯރީ ލައިން އަދި ހާމައެއް ނުކުރެއެވެ. ބޫމީއާއި ޝެހެނާޒުގެ އިތުރުން އަނިލް ކަޕޫރު ވެސް މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ފެންނާނެއެވެ. ރެއާ ކަޕޫރަކީ އަނިލް ކަޕޫރުގެ ތިން ކުދިންގެ ތެރެއިން އެކްޓްކުރުމުގެ ޝައުގުވެރިކަމެއް ނެތް ހަމައެކަނި ފަރާތެވެ.

ރެއާ ކަޕޫރުގެ ފިލްމު "ވީރޭ ދި ވެޑިންގް"އަށް ލިބުނު މަގުބޫލުކަމާއެކު ޒުވާން ޕްރޮޑިއުސަރުގެ ވިސްނުން މުޅިން ވެސް ހުރީ އަންހެނުން ބާރުވެރިކޮށް އަންހެނުން ލީޑް ރޯލްތަކުން ފެންނަ ފިލްމުތައް އުފެއްދުމަށެވެ.

ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ފެޝަން ޑިޒައިނަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރާ ރެއާ އަންނަނީ "ދަ ކްރޫ"ގެ ނަމުގައިވެސް ފިލްމެއް އުފައްދަމުންނެވެ. ޕޯސްޓު ޕްރޮޑަކްޝަންގެ މަރުޙަލާގައިއޮތް މި ފިލްމުގެ ލީޑް ކުރާ ތަރިންނަކީ ކަރީނާ ކަޕޫރު ޚާން، ތައްބޫ އަދި ކްރިތީ ސެނޮންއެވެ.