ވޭތުވެދިޔަ ސަރުކާރުތަކުން ވަނީ ހައްދުންމައްޗަށް އިހްމާލުވެފައިކަމަށާއި އެކަން ބަދަލު ކުރާނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މީގެ 27 އަހަރު ކުރިން ހައްދުންމަތީގެ ހުރިހާ ރަށަކަށް ވަޑައިގަނެފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިއަދު އެ އަތޮޅަށް ވަޑައިގަތުމުން އިހްސާސްވީ ވޭތުވެދިޔަ ސަރުކާރުތަކުން އެ އަތޮޅަށް އިހްމާލްވެފައިވާ މިންވަރު ކަމަށެވެ.

"އަޅުގަނޑަށް ކުރެވުނު އިހްސާސްއަކީ ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުތަކުން ކީއްހޭ މިކުރީ. ކޮންކަމެއްބާ އޭ ރައްޔިތުންނަށް ކޮށްދިނީ. ކުނަހަންދޫއިން ފައިބައިގެން އައި އިރުގައި ނިކަމެތިކަން ނޫން އެހެން އިހްސާސެއް ނުކުރެވޭ," ގަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ނާޒިމް ވިދާޅުވިއެވެ.

ބައެއް ގެތަކުގެ ހާލަތު ކިޔައިދެއްވަމުން ނާޒިމް ވިދާޅުވީ, ގުދަށް އޮވެ ނޫނީ ވަދެވުނު ގެތައް އިނގިލިން ގުނާލެވޭހާ ވެސް މަދު ކަމަށެވެ. ގެތަކުގެ އެތެރެ އަދި ވަކިން ހާއްސަކޮށް ނިކަމެތިކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންނަށް ހައްގު މިންވަރަކީ އެއީ ތޯ ނާޒިމް ވަނީ ސުވާލު އުފައްދާފައެވެ.

"ހައްދުންމައްޗަކަށް ތަރައްގީއެއް ނެތް. އެއްވެސް ތަރައްގީއެއް ނުގެނެވޭ. ފެނާ ނަރުދަމާ އާއި ބަނދަރު ހެދުން އެއީ ތަރައްގީއެއް ނޫން. ގާނޫނު އަސާސީން ލާޒިމް ކުރާ ކަމެއް އެއީ," ނާޒިމް ވިދާޅުވިއެވެ.

ގުޅިފައިވާ ލ. އަތޮޅުގެ ރަށްތަކަށް އެކަށީގެންވާ ތަރައްގީ އައިސްފައިނުވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ, ކައްދޫ އެއާޕޯޓް ވެސް އޮތީ މީގެ 27 އަކަށް އަހަރު ކުރިން އޮތް ގޮތަށް ކަމަށެވެ.

"ތިބޭފުޅުން ވިސްނާ ވަޑައިގަންނަވާ. ސަރުކާރުތަކުން ބޮޑެތި އިހުމާލް މި ސަރަހައްދަށް ވެފައި އޮތީ," ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވެރިކަމެއްގައި އިގްތިސާދީ އިންގިލާބީ ބަދަލެއް ރާއްޖެއަށް ގެންނާނެ ކަމަށް ވައުދުވެވަޑައިގެން ވިދާޅުވީ, ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ މަގުތައް ފަހިކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑު މި އަންނަނީ ހަމަހަމަކަން ގާއިމްކޮށް މުއްސަދިންނާ ފަގީރުންގެ ފަރަގު ނައްތާލަން," ނާޒިމް ވިދާޅުވިއެވެ.

ހައްދުންމައްޗަށް ތަރައްގީ ގެންނާނެ ތަސައްވުރެއް އޮތްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެ އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. އެކަންނުކޮށް ހައްދުންމަތި ތަރައްގީ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް އެއާޕޯޓެއް ވަނީ މި ސަރަހައްދުގެ ތަރައްގީއާ ގުޅިފައި. އެކަން ކުރާނަން," ނާޒިމް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ވެސް ހައްދުންމައްޗަށް ތަރައްގީގެ ގެނައުމަށް އޭނާގެ ވެރިކަމެއްގައި ކޮށްދޭނެ ގިނަ ވައުދުތަކެއް ނާޒިމް ވަނީ މިރޭވެފައެވެ.