އެކްޓަރު އަބީޝެކް ބައްޗަންގެ އުއްމީދަކީ މަންމަ ޖަޔާ ބައްޗަންއާއި އަންހެނުން އަދި ބަތަލާ އައިޝްވާރްޔާ ރާއި ވީހާވެސް ގިނަ ފިލްމުތަކުގައި މަސައްކަތް ކުރުން ކަމަށް އެކްޓަރު ބުނެފިއެވެ.

މިމަހުގެ 18ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ އަބީޝެކްގެ ފިލްމު "ގޫމަރު"އާ ބެހޭގޮތުން ވާހަކަދައްކަމުން އެކްޓަރު ބުނެފައިވަނީ މަންމަ ޖަޔާގެ ފިލްމަކަށް ފާޑުކިޔުމަކީ ނުވާނެ ކަމެއް ކަމުގައެވެ.

އަންހެނުން އައިޝްވާރްޔާއާއި މަންމަ ޖަޔާގެ ފިލްމީ ކެރިއަރުގެ ގިނަ ވާހަކަތަކެއް ހިއްސާކުރަމުން އެކްޓަރު ބުނީ އާއިލާގެ އެންމެ އިސް ދެ އަންހެނުން ހިންދީ ސިނަމާއަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާކަމަށް ގަބޫލުކުރާކަމަށެވެ.

ހަމައެއާއެކު އާއްމުންގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ޖަޔާއާއި އައިޝްވާރްޔާއަށް ލިބިފައިވާއިރު ސަޕޯޓަރުން އަބަދުވެސް މި ދެތަރިންގެ ފިލްމުތަކަށް އިންތިޒާރު ކުރާނެ ކަމަށް އަބީޝެކް ވަނީ ބުނެފައެވެ. ޚުދު އަބީޝެކްއަކީ ވެސް ޖަޔާއާއި އައިޝްވާރްޔާގެ ބޮޑު ސަޕޯޓަރެއް ކަމަށާއި އުއްމީދަކީ އަބަދުވެސް ޖަޔާގެ އަދި އައިޝްވާރްޔާގެ ފިލްމެއް ސިނަމާއިން ފެނުންކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މިހާތަނަށް މަންމަ ޖަޔާ ކުޅުނު އެއްވެސް ފިލްމަކަށް ފާޑުކިޔާފައިނުވާ ކަމަށާއި އަބީޝެކް އެކަމަށް ކުފޫ ހަމަނުވާކަމަށް ދެކޭކަމަށް ވަނީ ބުނެފައެވެ. އެއާ ޚިލާފަށް ބައްޕަ އަމީތާބްއާއި އަންހެނުން އައިޝްވާރްޔާގެ ފިލްމުތަކަށް ފާޑުކިޔަން ވަރަށް ފަސޭހަކަމަށް އަބީޝެކް ބުނެފައިވެއެވެ. ޖަޔާ ސިނަމާއިން ފެންނަ ވަގުތަކީ ވަރަށް ޖަޒުބާތީ ވަގުތެއްކަމަށާއި އެއީ ވަރަށް ތަފާތު އުފަލެއް އިހުސާސްކުރެވޭ ވަގުތެއްކަމަށް ވެސް އަބީޝެކް ވަނީ ބުނެފައެވެ.

ހިންދީ ފިލްމަކުން ޖަޔާ ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހު އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިންނެވެ. ކަރަން ޖޯހަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖަޔާ ކުޅެފައިވަނީ ވަރަށް ޒީލަގަދަ މައިދައިތައެއްގެ ރޯލެވެ. ބަތަލާ އައިޝްވާރްޔާ އެންމެ ފަހުން ފެނިފައިވަނީ މިއަހަރު ރިލީޒްވި ތަމަޅަ ފިލްމު "ޕޮނީޔިން ސެލްވަން2"އިންނެވެ.