14 Aug 2023, 09:41
އެތައް އަހަރެއް ވަންދެއް ފޭނުން ބިރުގަންނަވާލަމުން އަންނަ ފިލްމު ފްރެންޗައިޒް, "ސްކްރީމް"ގެ ހަތްވަނަ ބައިގެ މަސައްކަތް ފަށައިފިއެވެ.
ގާތްގަނޑަކަށް 30 އަހަރު ވާން ގާތް ވެފައިވާ ސްކްރީމް ފްރެންޗައިޒްގެ ހަ ވަނަ ބައެއް ރިލީޒް ކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ފްރެންޗައިޒްގެ ހަވަނަ ފިލްމާއެކު ފްރެންޗައިޒްގެ ލީޑް ބަދަލުކޮށްލައި މުޅި ސީރީޒްއަށް އާ ދިރުމެއް ވަނީ ގެނެސްފައެވެ. ފްރެންޗައިޒްގެ 27 އަހަރުވީ ދިގު ތާރީހުގައި ލީޑުން ފެނުނު ނީވް ކެމްޕްބެލް ވަނީ ފަސްވަނަ ފިލްމާއެކު ސީރީޒްއަށް އަލްވަދާއު ކިޔާފައެވެ. އެއާއެކު ލީޑަށް ކަނޑައެޅީ ޒުވާން އެކްޓަރު ޖެނާ އޯޓޭގާއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އާ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް މިހާރު އޮތީ ނިމޭ ހިސާބަށް ގޮސްފައެވެ. އަދި އިތުރު ކާސްޓިންގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.
ސްކްރީމްގެ އާ ފިލްމު ނެރޭނެ ދުވަހެއް ނޭނގެއެވެ. އަދި މިހާރު ކުރިއަށްދާ ހަޅުތާލުތަކާއެކު ފިލްމުގެ އިތުރު މަސައްކަތްތައް ޑިލޭ ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ސްކްރީމްގެ ހަވަނަ ބައިގައި މެލިސާ ބަރޭރާ، ޖެނާ އޯޓޭގާ، މޭސަން ގުޑިން، ޖޭސްމިން ސެވޯއި ބްރައުން އާއެކު ޑަމަޓް މަލްރޯނީ، ހޭޑަން ޕެނެޓިއާ އާއި "ސްކްރީމް" ފްރެންޗައިޒްގެ ހުރިހާ ފިލްމެއްގައި އުޅޭ ކޯޓްނީ ކޮކްސް ހިމެނެ އެވެ. މީގެ އިތުރުން ސަމާރާ ވީވިން، ޓޯނީ ރެވޮލޯރީ، ޖޯޝް ސެގާރާ އާއި އިތުރު ތަރިން ވެސް ފިލްމުގައި ހިމެނެއެވެ.
މި އެކްޓަރުންގެ ތެރެއިން ހަތްވަނަ ބައިން ފެންނާނެ ކަމަށް ކަށަވަރު ކޮށްދީފައިވަނީ ޖެނާ އާއި މެލިސާއެވެ.