އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ރޮބާޓޯ މަންޗިނީ އިސްތިއުފާދީފިއެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗުމަކާ 2018 ވަނަ އަހަރު ހަވާލުވުމަށްފަހު، އޭނާގެ އިރުޝާދުގެ ދަށުން އިޓަލީއަށް ވަނީ ކާމިޔާބީ އަދި ނާކާމިޔާބީއާ ވެސް ކުރިމަތިވެފައެވެ. އިޓަލީއަށް ޔޫރޯ 2020ގެ ޗެމްޕިއަންކަން ހޯދައިދިން ނަމަވެސް، އޭގެ ދެ އަހަރުފަހުން އޭނާއަށް ވޯލްޑްކަޕް 2022 އަށް އެ ޓީމު ކޮލިފައިކޮށްދެވިފައެއް ނުވެއެވެ.

އިޓަލީ ފުޓުބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހު، މަންޗިނީ މަގާމުން އިސްތިއުފާދީފައިވާކަން މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭނާ އިސްތިއުފާދީފައި މިވަނީ ޔޫރޯ 2024 ފެށެން ދިހަ މަސް ދުވަހަށް ވެފައިވަނިކޮށެވެ.

"އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ރޮބާޓޯ މަންޗިނީ އިސްތިއުފާދީފައިވާކަން އިއުލާންކުރަން. މެއި 2018 ގައި މަންޗިނީ ހަވާލުވުމަށްފަހު އޭނާ ވަނީ ޔޫރޯ 2020 ކާމިޔާބުކޮށްދީފައި. އޭގެ އިތުރުން ނޭޝަންސް ލީގު 2023ގެ ފައިނަލަށް ވެސް ޓީމު ގެންގޮސްދީފައިވޭ. ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ގައުމީ ޓީމާ ހަވާލުވާނެ ކޯޗެއް އިއުލާންކުރާނަން،" އިޓަލީ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީއަށް ކާމިޔާބީތަކެއް ހޯދައިދިން މަންޗިނީ ވަނީ އިޓަލީ ގައުމީ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެދީފައެވެ. އެގޮތުން ފަސް އަހަރުގެ ތެރޭގައި އޭނާގެ އިރުޝާދުގެ ދަށުން އިޓަލީ ގައުމީ ޓީމު ކުޅުނު 37 މެޗަކުން މޮޅުވެ، 15 މެޗަކުން ވަނީ އެއްވަރުވެފައެވެ. އަދި ބަލިވެފައިވަނީ ނުވަ މެޗަކުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަންޗިނީގެ ބަދަލުގައި އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ނަޕޯލީގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީއެވެ.