މިމަހުގެ 14 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސްގެ މަގާމަށް މިހާރުގެ ރައީސް އަހުމަދު ހާފިޒާއި މިހާރުގެ ނާއިބް ރައީސް އަހުމަދު އިސްމާއިލް ކުރިމަތި ލައްވައިފިއެވެ.

ހާފިޒާއި އަހުމަދު އިސްމާއީލް ރައީސް ކަމަށް ކުރިމަތިލީ އަމިއްލަ ގޮތުންނެވެ.

ފާއިތުވެދިޔަ 15 އަހަރު ބާސްކެޓް އެސޯސިއޭޝަނުގެ ރައީސްކަން ކުރެއްވި ހާފިޒާއި 1999 ވަނަ އަހަރުން ފެށިގެން އޭނާގެ ނާއިބަކަށް ހުންނެވި އަހުމަދު އިސްމާއީލްއާ ދެ ބޭފުޅުންނަކީ ކުލްބު ވެލެންސިއާ ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ. އަދި މި ދެ ބޭފުޅުންނާއެެކު ޖެނެރަލް ސެކްރެޓަރީއަށް ހުންނެވި އަބުދުﷲ އާމިރު ވަނީ ނާއިބް ރައީސް ކަމަށް ކުރިމަތިލައްވާފަ އެވެ. އާމިރަކީ ވެލެންސިއާ އުފެއްދެވުމުގައި ވެސް އުޅުއްވި އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި މެނޭޖަރެވެ. ނާއިބް ރައީސް ކަމަށް އާމިރާ ވާދަކުރައްވާނީ ކޯޗު އަލީ ނަސީރެވެ. އޭނާ އަކީ ވެލެންސިއާގެ ބާސްކެޓް ޓީމު ކުރިން ހިންގެވި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ އަދި މިހާރު ޕީޕީއެމްގައި އުޅުއްވާ އުމަރު ނަސީރުގެ ކޮއްކޮ އެވެ.

ހަޒާންދާރު ކަމަށް ކުރިމަތިލާފައި ވަނީ އެންމެ ބޭފުޅެކެވެ. އެއީ ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން މުހައްމަދު ޚުވައިލިދެވެ.

މިފަހަރުގެ އިންތިހާބުގައި އެގްޒެކްޓިވް ކޮމެޓީއަށް ކުލަބުތަކުން އަށް މެންބަރުން ވާދަކުރާއިރު، އިންތިހާބު ވާނީ ފަސް މެންބަރުންނެވެ. އަދި އަމިއްލަ ގޮތުން އެގްޒެކްޓިވް ކޮމެޓީއަށް މިފަހަރު ދެ ބޭފުޅަކު ވާދަކުރެއެވެ.
އިންތިހާބުގައި އެގްޒެކްޓިވް ކޮމެޓީއަށް ކުލަބުތަކުން ވާދަކުރާ އަށް ކެންޑިޑޭޓުންނަކީ، ހުސްނާ މުހައްމަދު ކަސްޓަމްސް ކުލަބުން، އަހުމަދު އަޔާޒް ރަޝީދު ވިކްޓަރީ ސްޕޯޓްސް ކުލަބް، މުހައްމަދު ހައިޝަމް ޑީ ބާސްކެޓް ބޯލް ކުލަބް، އަބްދުﷲ ނިޔާޒް އިބްރާހިމް އެލް ކިއު ސްޕޯޓްސް ކުލަބް، އިބްރާހިމް މުހައްމަދު ރެޑްލައިން ކުލަބް، އަބްދުﷲ ނައިފް ތައުފީގް ޓީރެކްސް ބާސްކެޓް ބޯލް ކުލަބް، އަހުމަދު ނަޒީފް ހަރިކޭން ބީސީ، އަދި ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން އަހުމަދު ނިޔާޒެވެ.

އަދި އަމިއްލަ ގޮތުން އެގްޒެކްޓިވް ބޯޑަށް ކުރިމަތިލައިފައިވާ ދެ ބޭފުޅުންނަކީ ކުރީގެ ގައުމީ ކޯޗު ހަސަން އިސްމާއިލް އާއި ކޯޗު އަހުމަދު ފަޔާޒެވެ.