ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދޭން އެދިފައިވީ ނަމަވެސް، ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމަނިކުފާނުގެ ފަރާތުން އެދިފައިވަނީ އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން, ޖަލު ހުކުމާއި ޖޫރިމަނާ ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައި ވަނީ ޖޫރިމަނާ ފަސްކުރެވެން އޮތް ނަމަވެސް، ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ނެތް ކަމަށެވެ.

ޖޫރިމަނާ ފަސްކޮށްދޭން ނިންމައި، ހައި ކޯޓުން ނެރުނު އަމުރުގައި ވަނީ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ނުނިމެނީސް، ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީއަތް ހިންގައި ގޮތެއް ކަނޑައަޅައިފިނަމަ އިސްތިއުނާފުގެ މައްސަލައިގައި އިންސާފު ގާއިމުކުރަން ހުރަސް އެޅިދާނެ ކަމަށެވެ.

އެހެންވެ، ޔާމީންގެ ޖޫރިމަނާ ހޯދަން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިޔުމަށް އެ އަމުރުގައިވެއެވެ.

އެ މައްސަލައިގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔުގައި ވަނީ ދަށު ކޯޓަކުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުން ފަސްކުރެވޭނެ ކަމަށް އަދި ނުކުރެވޭނެ ކަމަށް ވެސް، ނުވަތަ ފަސްކުރާނީ ކޮން ގޮތަކުން ކަމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެ ރައުޔަށް ފަނޑިޔާރު ޚުޒައިފާ މުޙައްމަދު ތާއިދުކުރެއްވިއެވެ.

ފަނޑިޔާރު ޙަސަން ޝަފީއުގެ ރައުޔުގައި ވެސް ވަނީ ހުކުމް ތަންފީޒު ކުރުން ފަސްކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން ހުރި އާރަށު މައްސަލައިގައި ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާތީ އާއި ޖޫރިމަނާ ދައްކަވާފައި ނުވާތީ އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ނިންމުމަށް ތާއިދުކޮށްފައެވެ.

ޔާމީން ވަނީ އެމަނިކުފާނަށް ވާދަ ނުކުރެވޭ ގޮތް ހަދާފައި ވަނީ ނުހައްގުން ކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރަން ޕީޕީއެމާއި ޕީއެންސީއަށް ފުރަތަމަ އެންގެވި ނަމަވެސް ފަހުން އެމަނިކުފާނު ވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ތާއިދު ކުރައްވާފައެވެ.