އާބާދީ ކުޑަ ރަށްރަށް ތަރައްގީކުރުމަށް އިސްކަން ދިން ނަމަވެސް ބޮޑު އެއްވެސް އާބާދީއެއްގެ މަތިން ހަނދާން ނައްތައިލައިފައި ނުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ. މަގޫދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ދައުރުގައި ބޮޑެތި އާބާދީތަކުގައި ވެސް ތަރައްގީގެ މަޝްރޫތައް ހިންގަމުން އަންނަ ކަމަށެވެ.

އެ މަންޒަރު އާބާދީ ބޮޑު ރަށްތަކާއި ސިޓީތަކުން ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުދި ރަށްރަށަށް ތަރައްގީގެ މަޝްރޫތައް ގެންނައިރުގައު ބޮޑެތި އާބާދީތަކެއް ވެސް ހަނދާން ނައްތައެއްނުލަމޭ. އެ ކަން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ނ. މަގޫދޫއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީއަށް އަންނަ ބޮޑު ބަދަލަކީ "މިއިން ޒަމާނަކު އެ ތަނަށް ނާންނަވަރުގެ" ބޮޑު ބަދަލެއް ކަމަށެވެ.

މީގެ އިތުރުން ހަނިމާދުއާއި ކުޅުދުއްފުއްޓާއި، ތިނަދޫގެ އިތުރުން ފުވައްމުލައް ސިޓީން ވެސް ތަރައްގީގެ މަޝްރޫތައް ހިނގަމުން އަންނަ މަންޒަރު ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިހުރީ ވަކި ތަނެއް ތަފާތުނުކޮށް އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 300 މީހުން ހަމަނުވާ މަގުދޫގެ ތަރައްގީއަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ މަގޫދޫއަކީ މުސްތަގްބަލު އުޖާލާ ރަށެއްކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީީ ދެވަނަ ދައުރެއްގައި މި ރަށުގައި ހިންގާނެ މަޝްރޫތައް:

  • ބޯހިޔާވަހިކަމަށް ފަންޑު ދޫކުރުން

  • ދަތުރުދާނެ ތަނެއް ރަށުގައި ހެދުން
  • ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތާއެކު ލެބޯޓްރީއެއް އެޅުން
  • މަލްޓިޕާޕަސް ހޯލެއް ހެދުން

"އަޅުގަނޑު ހިތުން މިއާއެކުގައި މި ދެންނެވިހެން ރަށު ފަތުރުވެރިކަން އައިސް އިތުރު އާމްދަނީތައް ރައްޔިތުންނަށް ލިބެން ފަށާނެ،" ރައީސް ވިދާޅުވިއެވެ.