މި ސަރުކާރުން ތަރައްގީގެ މަޝްރޫތައް ފަށާ ކަމަށާއި ނަމަވެސް އެ މަޝްރޫތައް ފަށަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ނޫންކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަތޮޅުތެރެއަށް ކުރައްވާ ދަތުރުގައި މުއިއްޒު މިހާރު ހުންނެވީ ހދ. މަކުނުދޫގައެވެ. މި ރަށަށް އޭނާ ވަޑައިގެންނެވިއިރު ގިނަ ބަޔަކު އޭނާއަށް މަރުހަބާ ދެންނެވުމަށް ނުކުމެފައި ތިއްބެވިއެވެ.

މުއިއްޒު ވަނީ މި ރަށުގެ ޕްރޮގްރެސިވް ކޯލިޝަންގެ ފިނިފެންމާ ޖަގަހަ ހުޅުއްވައިދެއްވާ އެ ތަނުގައި ރައްޔިތުންނާ ވާހަކަ ދައްކަވައިފައެވެ.

މުއިއްޒު ކެމްޕޭނުގައި މަކުނުދޫގައި-- ސަން ފޮޓޯ: އާލިމް އަބްދުއްލަތީފް

މުއިއްޒު ވިދާޅުވީ މި ރަށަކީ ވަކިން އޮތް ރަށެއް ކަމަށާއި ސަރުކާރުން ކަންކަން ކޮށްދިނުމުގައި އެ ކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

"މި ސަރުކާރުން އެކި ރަށްރަށުގައިި ތަރައްގީގެ މަޝްރޫއު ފަށާ. އެކަމަކު ފަށަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެންނެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް އޮވެގެން ރަށްރަށުގައި ބިން ވެސް ހިއްކާ، އެއާޕޯޓް ވެސް އަޅާ، ބަނދަރު ވެސް ހަދާ. ރަށުގެ ރައްޔިތުން ތިބެނީ އެ ކަމާ ވަރަށް ހިތްހަމަނުޖެހިފައި،"

އެ ކަންކަމުން ރަށްރަށަށް ވާ ފައިދާއެއް ނޯންނަކަމަށާއި އެއީ ރައްޔިތުންގެ ވިންދު ނޭނގޭ ސަރުކާރެއް އޮތުމުގެ ސަބަބުން ވާ ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ސަރުކާރާ ގުޅުމެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގާއިމުކުރާ ސަރުކާރުވެގެންދާނީ ދިވެހިރައްޔިތުންގެ ވިންދާއި އިހްސާސާ ގުޅި ލާމެހިފައިވާ ސަރުކާރަކަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ކެމްޕޭނުގައި މަކުނުދޫގައި-- ސަން ފޮޓޯ: އާލިމް އަބްދުއްލަތީފް

މިރަށުގެ އެއާޕޯޓްގެ މަސައްކަތް ކުރަން ނިންމާފައި އޮތީ ތިމާވެށީގެ ގޮތުން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ވާ ފަދަ ގޮތަކަށްކަމަށް ރައްޔިތުން ބުނާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑު އިހްލާސްތެރިކަމާއެކު ދަންނަވާނީ މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓް ބައްޓަން ކޮށްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

"އެއީ ދެން ސުވާލެއް ވެސް އޮވެގެން ވާނެ ކަމެއް ނޫން. އަޅުގަނޑު ހަމަ ހައިރާންވެއްޖެ މި ސަރުކާރުން މިހެން މިކަން ކުރާތީ،"

މީގެ އިތުރުން، އެއާޕޯޓް އަޅަން ބިންހިއްކާއިރު މަކުނުދޫއިން ގޯތި ދޭން ވެސް ބިންހިއްކޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މަކުނުދޫ ފަދަ ވަކިން އޮންނަ ރަށެއްގައި ރަނގަޅު ފެންވަރެއްގެ ސިއްހީ މަރުކަޒެއް ހުންނަން ޖެހޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ތަނުން ހުރިހާ ޚިދުމަތެއް ލިބެން ޖެހޭނެ ކަމަށާއި އޭނާގެ ސަރުކާރެއްގައި މި ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވަނީ މި ރަށުގައި ފުޓްބޯޅަދަނޑަކާއި ޒުވާނުންގެ މަރުކަޒެއް އެޅުމަށް ވެސް ވައުދުވެވަަޑައިގެންފައެވެ.

އަތޮޅުތެރެއަށް މުއިއްޒު ކުރައްވާ ދަތުރުގައި މިއަދު ދެން ވަޑައިގަންނަވާނީ ހއ. ހޯރަފުއްޓަށެވެ. ހޯރަފުށީގައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު މިރޭގެ ޖަލްސާއަށް ވަޑައިގަންނަވާނީ ހއ. އިހަވަންދުއަށެވެ.

ބޮޑުތިލަދުންމަތިން ފެށި މި ދަތުރުގައި މުއިއްޒު ހއ. އަދި ހދ. ގެ 11 ރަށަކަށް ވަޑައިގަންނަވާނެއެވެ.