ކުރިން އޮތް ޚިޔާލު ތަފާތުވުންތަކާ އެކު ވެސް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އަންނަ ރިޔާސީ އިންތިޚާބުގެ މަސައްކަތުގައި ތިބީ އެކުގައި ކަމަށް އެ ބޭފުޅުން ވިދާޅުވެއްޖެއެވެ.

މިއަދު އިލެކްޝަންސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމެއް އުފެދުނު ނަމަވެސް، އެ ކަމުގެ ސަބަބުން މަސައްކަތަށް ހުރަހެއް މިހާރު ނެތްކަމަށެވެ.

"ކޮމިޝަންގެ ތެރޭގައި ހަމަ ގައިމު ވެސް މިހާރު އެއްވެސް މައްސަލައެއް ނެތް، އަޅުގަނޑުމެން މީޓިންތައް ބާއްވާ މި ކަންކަން ކުރަމުން މި ދަނީ،" އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ކޮންމެ ބައެއްގެ ތެރޭގައި ވެސް ޚިޔާލުތަފާތު ވުން ހުންނާނެ ކަމަށެވެ. ނަމަވެސް، އެ ތަފާތުތައް އާންމުންނަށް ތިލަވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާއްސަކޮށް، ކޮމިޝަނުގެ ޖަލްސާތަކުގައި މެންބަރުން ވޯޓުލާ ގޮތަކީ ކޯޓުތަކުގައި ވެސް އާންމު ކުރާ މައުލޫމާތެއް ނޫން ކަމަށާއި، އެހެން ކަމުން އެ ފަދަ ވާހަކައެއް އާންމު ވުމަކީ ރަނގަޅަށް ހިނގާފައި އޮތް ކަމެއް ނޫން ކަމަށެވެ.

"މި ވަގުތު ކޮމިޝަން ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އެކަން ހިނގާފައި އެއޮތީ ވަރަށް ހިތާމަވެރި ގޮތަކަށް، ހަގީގަތުގައި އެ ކަހަލަ ވާހަކަތައް އާންމު ވީމައި ބައެއް ކަހަލަ ނުތަނަވަސްކަން ވެރިވާނެ،" އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި ގޮތުގައި ކޮމިޝަނުގެ ހުރިހާ މެންބަރުންނާއި، އެސްޖީއާ އެކުގައި މިހާރު ވަނީ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

އެ ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު ވިދާޅުވީ، އަމިއްލަ ހައިސިއްޔަތުން މެންބަރުން ދައްކާ ވާހަކަތަކަކީ ކޮމިޝަންގެ ނިންމުންތަކެއްގެ ގޮތުގައި ތަރުޖަމާ ކުރެވިގެން ނުވާނެ ކަމަށެވެ.

އަދި، މިހާތަނަށް އައި އިރުވެސް، ހުރިހާ މެންބަރުން ވެސް އިސްކޮށްފައިވާނީ ކޮމިޝަނުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމިޝަނުން މިހާތަނަށް އިސްކޮށްފައި ހުންނާނީ ކޮމިޝަންގެ މަސައްކަތްތައް އަދި ހާއްސަކޮށް އިންތިހާބު،" ޑރ. ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކީ އޭނާ ކޮމިޝަންގެ ޗެއާ ކަމުން ދުރުކުރުމުގެ މަގުސަދުގައި ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އިލެކްޝަންސްގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިސްވެ އުފެއްދެވި، "ދަ ޑިމޮކްރެޓްސް" ޕާޓީ ރެޖިސްޓްރީ ކޮށްދިނުމަށް އީސީން ފުރަތަމަ ބޭއްވި ބައްދަލުވުމަށް ފަހު، ކޮމިޝަނުގެ ތެރޭގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންނާ މުހާތަބުކޮށް ފުއާދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ފުއާދު އެރޭ ވިދާޅުވީ ޑިމޮކްރެޓްސް އިން ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރު ވެފައިވީ ނަމަވެސް، ކޮމިޝަނުގެ ދެ މެންބަރަކު އިތުރަށް އެ ފޯމުތައް ބަލައި ޗެކު ކުރަން ބޭނުންވާ ކަމަށެވެ. އަދި ފުއާދު ހުންނެވީ ނުފޫޒެއްގެ ދަށުގައި ކަމަށް އެ މެންބަރުން ތުހުމަތުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއާ އެކު، އެ ދެ މެންބަރުން ވަނީ އެކަމާ ހިތްހަމަނުޖެހި، ކޮމިޝަންގެ ޖަލްސާތައް ބޮއިކޮޓްކޮށްފައެވެ. އަދި، ފަހުން ފުއާދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ވަނީ ކޮމިޝަނުގައި ނަގާފައެވެ.

ނަމަވެސް، ކޮމިޝަނުގެ ގަވާއިދު އޮންނަ ގޮތުން، އިތުބާރުނެތް ކަމުގެ ވޯޓު ނެގި ނަމަވެސް، ކޮމިޝަނުގެ ރައީސް މަގާމުން ވަކި ނުވާނެއެވެ. އެހެންކަމުން، އޭގެ ފަހުން ވެސް ފުއާދު އަންނަނީ ކޮމިޝަންގެ ޖަލްސާތަކާއި، މަސައްކަތްތަކުގައި ބައިވެރިވެވަޑައި ގަންނަވަމުންނެވެ.