07 May 2012, 14:57
ރާއްޖޭގައި ހުރި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުސަތާ ގުޅޭ ގޮތުން ފައިނޭންސް ފޯރަމެއް ބޭއްވުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ނިންމައިފި އެވެ.
ޕެންޝަން އޮފީހުން ބުނީ ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ އެ ފޯރަމް އޮންނާނީ އަންނަ އާދިއްތަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ކަމަށެވެ. އެއްދުވަހުގެ މުއްދަތައް ބާއްވާ އެ ފޯރަމްގައި ބޭރުން ތިން ތަޖުރިބާކާރަކާއި ރާއްޖޭގައި އެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެކަމަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ވަނީ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2012"ގެ ނަމުގައި ވެބްސައިޓެއް ހުޅުވާފަ އެވެ. ފޯރަމްގައި ތަގްރީރު ކުރަން ހަމަޖެހިފައިވަނީ ކުރީގެ ފިނޭންސް މިނިސްޓާ އަހުމަދު އިނާޒާއި އެމްއެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބާއި އަދި ސިންގަޕޫރުގެ ޕްރޮވިޑެންޑް ފަންޑް ބޯޑުގެ ޗީފް އެގެޒެކެޓިވް އޮފިސާ ޑޮން ޔިއޯ އެވެ. މީގެ އިތުރުންވެސް ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން ތަގުރީރުކުރައްވާނެ އެވެ.
ފޯރަމްގައި ބައިވެރިވުމަށް އޮންލައިން ރެޖިސްޓްރޭޝަން މިހާރުވަނީ ހުޅުވާލާފަ އެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ ތެރެއިން ފުރުސަތު ލިބޭނީ ރާއްޖޭގެ ވިޔަފާރިއާއި އިގްތިސޯދީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް ކަމަށް އެ އޮފީހުން ބުންޏެވެ.
ޕެންޝަންފަންޑުގެ ފައިސާގެ އަދަދު މިހާރުވެސް ވަނީ އެއްބިލިއަން ރުފިޔާއަށް އަރާފަ އެވެ.