ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޖަވާން"އަކީ 2013ވަނަ އަހަރު ރިލީޒް ކުރި ޝާހްރުކްގެ ފިލްމު "ޗެންނާއި އެކްސްޕްރެސް"ގެ ހަނދާންތައް ގެނެސްދޭނެ އޭގެ އަޕްގްރޭޑެއް ކަމަށް އެކްޓަރު ބުނެފިއެވެ. ސެޕްޓަމްބަރު މަހުގެ ހަތެއްގައި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމަކީ ފިލްމީ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުމަށް އެއްބާރުލުން ދޭނެ ވަރުގަދަ ތްރިލާ ފިލްމެކެވެ.

ފިލްމު "ޗެންނާއި އެކްސްޕްރެސް"ގެ ހަނދާންތައް އާ ކުރަމުން ޝާހު ވަނީ މީގެ ދިހަ އަހަރު ކުރިން ރިލީޒްވި އެ ފިލްމާ އެކު ސައުތު ސިނަމާގެ ވަރަށް ގިނަ ހަނދާންތައް އާވާ ކަމަށެވެ. އަދި، ފިލްމު "ޖަވާން"އަކީވެސް ސައުތު ސިނަމާގެ ގިނަ ފިލްމީތަރިން ފެންނާނެ ފިލްމަކަށްވެފައި ޑައިރެކްޓަރު އެޓްލީއާ އެކު މަސައްކަތް ކުރުމުން "ޗެންނާއި އެކްސްޕްރެސް"ގެ ސެޓުގެ ތަޖުރިބާތަކުގެ ހަނދާންތައް އާކޮށްދިންކަމަށް ޝާހުވަނީ ބުނެފައެވެ.

ޓުވިޓާ މެދުވެރިކޮށް ޝާހްރުކް ކުރިއަށް ގެންދިޔަ އާސްކްއެސްއާރް ސެޝަންގައި ޝާހު ވަނީ ފިލްމު "ޖަވާން"އާ ބެހޭ ގޮތުން ސަޕޯޓަރުން ކުރި ސުވާލުތަކަށް ޖަވާބުދީފައެވެ. އެގޮތުން "ޖަވާން"ގައި ކުޅޭ އެކްޝަން ތަރީގެ ރޯލަށްވުރެ ބޮޑަށް "ޗެންނާއި އެކްސްޕްރެސް"ގައި ފެންނަ ހެއްވާ މަޖާ ކެރެކްޓަރު ކުޅެން މާ ފަސޭހަ ކަމަށް ޝާހު ވަނީ ބުނެފައެވެ. އެހެންނަމަވެސް ކޮމެޑީއަށްވުރެ ވެސް ލޯބީގެ ރޯލްތައް ކުޅެން މާ ބޮޑަށް ވެސް ފަސޭހަ ކަމަށް ޝާހު ވަނީ ބުނެފައެވެ.

ފިލްމު "ޖަވާން"އަކީ ޝާހުގެ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓްއިން ގެނެސްދޭ ފިލްމެކެވެ. ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފުރަތަމަ ހިންދީ ފިލްމުގެ ޕްރޮޑިއުސަރަކީ ޝާހުގެ އަންހެނުން ގޯރީ ޚާންއެވެ. ސައުތު ސިނަމާގެ މަގުބޫލު ތަރިންކަމަށްވާ ވިޖޭ ސެތުޕަތިއާއާއި ބަތަލާ ނަޔަންތާރާ މުހިއްމު ރޯލުން ފެންނަ "ޖަވާން"އަކީ މިއަހަރު ރިލީޒްކުރި ޝާހުގެ ކާމިޔާބު ފިލްމު "ޕަތާން"އަށްފަހު ރިލީޒް ކުރެވޭ އެކްޓަރުގެ ފުރަތަމަ ފިލްމެވެ. ޝާހުގެ ފިލްމު 'ޗެންނާއި އެކްސްޕްރެސް' ރިލީޒްވިތާ 10 އަހަރު ފުރުމާ ގުޅިގެން އިންޑިއާގެ 50 ސިޓީއެއްގައި ވަނީ ފިލްމުގެ ހާއްސަ ސްކްރީނިން އެއް ބާއްވާފައެވެ.