13 Aug 2023, 09:21
ޑިޒްނީގެ ކްލެސިކް ކެރެކްޓަރު "ސްނޯ ވައިޓް" އަށް ބިނާކޮށް އުފައްދާ ލައިވް އެކްޝަން ފިލްމުގެ ލީޑް އެކްޓަރު ރޭޗެލް ޒެގްލާއަށް އާންމުންގެ ތެރޭގައި ފާޑުކިޔުންތައް ރައްދުވާން ފަށައިފިއެވެ.
ޑިޒްނީގެ އެންމެ މަގުބޫލު ޕްރިންސެސްތަކުގެ ތެރޭގައި ހިމެނޭ ސްނޯ ވައިޓްގެ ކެރެކްޓަރަށް ލެޓިން އެކްޓަރެއް ހަމަޖެއްސުމާ ގުޅިގެން އެތައް ބައެއްގެ މެދުގައި ވަނީ މީގެ ކުރީން ވެސް ތަފާތު ވާހަކަތަކެއް ދެކެވެން ފަށާފައެވެ. އެތައް ބަޔަކު ބޭނުންވީ ސްނޯ ވައިޓްގެ ކެރެކްޓަރުގެ ރޯލަށް ރޭޗެލް އަށް ވުރެ ދޮން އެކްޓަރެކެވެ. އަދި ސްނޯ ވައިޓްގެ ދޮން މަންމަގެ ރޯލަށް، ރޭޗަލް އަށް ވުރެ ދޮން އެކްޓަރެއް ހަމަޖައްސާފައިވާ ކަމަށް ބުނެ އެތައް ބަޔަކު މައްސަލަ ޖެއްސިއެވެ. ދޮން މަންމަގެ ރޯލަށް ހަމަޖައްސާފައިވަނީ ގަލް ގަޑޯޓްއެވެ.
ނަމަވެސް އެންމެ ފަހުން އާންމުންގެ ފަރާތުން މިހާރު ފާޅުކިޔުން ރައްދުވާން ފަށާފައިވަނީ ރޭޗެލްގެ ވާހަކަތައް މި ފަހަކަށް އައިސް ހުރި ގޮތާ ގުޅިގެންނެވެ.
އެކި އިންޓަވިއުތަކުގައި ވާހަކަ ދައްކަމުން ރޭޗެލް އެކި ފަހަރުގެ މަތީން ސްނޯ ވައިޓްގެ ކެރެކްޓަރަށް ވަނީ ފާޑު ކިޔާފައެވެ. އަދި، އެއީ އޭނާއަށް އެއްވެސް ވަރަކަށް ކަމު ދިޔަ ކެރެކްޓަރެއް ނޫން ކަމަށް ވެސް ރޭޗެލް އެތައް ފަހަރަކު ފާހަކޮށްފައިވެއެވެ.
އޮރިޖިނަލް އާ ތަފާތުކޮށް ލައިވް އެކްޝަންގައި ސްނޯ ވައިޓް ކުޅޭނީ ލީޑަރެއްގެ ރޯލު ކަމަށާއި ލޯތްބާ ހެދި ނޫޅޭނެ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އެތައް ފޭނުންނެއް އަންނަނީ ރޭޗެލް އަށް ފާޑު ކިޔަމުންނެވެ. އަދި ހަމަ އެއާއެކު އެ ފިލްމަށް އެކްޓަރު ބަދަލުކޮށް އަލުން ރީޝޫޓުގެ މަސައްކަތް ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
ސްނޯ ވައިޓްގެ ލައިވް އެކްޝަން ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅުގައެވެ.