07 May 2012, 14:46
ކްރިމިނަލް ކޯޓުތެރޭގައި ޓީބީ ފެތުރެމުންދާތީ މުވައްޒަފުން ނަފްސާނީ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ ރިސްކް އެލަވަންސް ހޯދަން އެ ކޯޓުގެ މުވައްޒަފުންތަކެއް އިސް ގާޒީ އަބްދުﷲ މުހައްމަދަށް ޕެޓިޝަނެއް ފޮނުވައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ އެ ކޯޓުގެ މުވައްޒަފުންތަކެއް އިސްގާޒީ އަބްދުﷲ މުހައްމަދަށް ޕެޓިޝަނެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް އެ ކޯޓުގެ މުވައްޒަފަކު ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އިސްގާޒީ އަށް ފޮނުވި އެ ޕެޓިޝަންގައި ޓީބީ ފަދަ ނުރައްކާތެރި ބައްޔެއް ހަލުވިކަމާއެކު ކޯޓުތެރޭގައި ފެތުރެމުންދާތީ މުވައްޒަފުންގެ ރިސްކު އެލަވަންސް ބޮޑުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ބުނީ މުވައްޒަފުންގެ މުއްދަތު އެލަވަންސް ބޮޑުކޮށްދެއްވައި މުސާރަ ބޮޑުކޮށްދިނުމުގެ ކަންތައް އަވަސްކޮށްދިނުމަށް ވެސް ޕެޓިޝަންގައި އެދިފައިވާނެ ށެވެ.
އޭނާ ބުނީ އެކަންތަކާ މެދު އެދެވޭ ޖަވާބެއް ނުލިބޭނަމަ ގާނޫނު އަސާސީއާ ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ހައްގުގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މުއްދަތުގެ މަސައްކަތަށް ނުނިކުމެ އިހުތިޖާޖު ކުރާނެ ކަމަށް ވެސް ޕެޓިޝަންގައި އިސްގާޒީ އަށް ދަންނަވާފައި ވާނެކަމަށެވެ.
އެއްހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސިން ކަށަވަރުކޮށްދީފައި ވާއިރު، އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން އެ ކޯޓުގެ އެއްވެސް މުވައްޒަފަކަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބިފައި ނުވާކަމަށް ވެސް ޕެޓިޝަން ބުނެ އެވެ.
އަދި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރިއެރުން ވެސް އަދި ލިބިފައި ނުވާކަމަށެވެ. މީގެ އިތުރުން އެ ޕެޓިޝަންގައި ބުނެފައި ވަނީ މުއްދަތު ޖެހުމަށް ކޯޓަށް ގެންނަ މީހުން، ކޯޓުގެ އިމާރާތާއި، މުވައްޒަފުން މަސައްކަތްކުރަން ގެންގުޅޭ ތަކެއްޗަށް ގެއްލުން ދެމުންދާއިރު ގާޒީންނާއި މުވައްޒަފުންނަށް އިންޒާރު ދީހެދުމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި ގަޔަށް ކުޅުޖަހައި ފެންބުއިމަށް ބަހައްޓާފައި ހުންނަ ތައްޓަށް ކުޑަކަމު ދިޔުން ފަދަ ސިއްޚީގޮތުން ދަށުދަރަޖައިގެ އަމަލުތައް ތަކުރާރު ވަމުން އަންނާތީ އެކަމުގެ ސަބަބުން ކޯޓުތެރޭގައި ބަލިތައް ފެތުރުމަށް މަގުފަހި ވެފައިވާ ކަމަށެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް މިދިޔަ މަހު ގެންދިޔަ މީހެއްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ތިން މުވައްޒަފަކަށް ޓީބީ ޖެހުމާ ގުޅިގެން އެކޯޓުގެ 50 މުވައްޒަފުން ވަނީ ޓީބީއަށް ޓެސްޓްކޮށްފަ އެވެ.