ކުޅުދުއްފުށި ސިޓީން، ޢާލިމް އަބްދުއްލަތީފް

ހދ. ކޭލަކުނުގައި އީކޯ ޓޫރިޒަމްގެ ޕްރޮޖެކްޓެއް އޭނާގެ ސަރުކާރެއްގައި ހިންގަވާނެކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަަކަ ދައްކަވަމުން މުއިއްޒު ވަނީ މި ރަށަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ވިދާޅުވެދެއްވައިފައެވެ.

މުއިއްޒު ވިދާޅުވީ ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ރިސޯޓެއް ނުހެދި ވެސް ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި އެ ކަން ވެސް ކޮށްދެއްވާނެކަމަށެވެ.

"ކޭލަކުނު މިތަނުގެ ކައިރީ އެބައޮތް. އެ ތަނުގައި އޮތް ގުދުރަތީ ރީތިކަމަށް ގެއްލުން ނުވާ ގޮތަށް ހިމާޔަތްކޮށްގެން، މި އަތޮޅަށް އީކޯ ޓޫރިޒަމް ހިންގޭ ރަށަކަށް ހަދާނަން،" މުއިއްޒު ވިދާޅުވިއެވެެ.

ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި --

އޭނާ ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ފެންނަނީ ރައްޔިތުން ނިކަމެތިވެ ބާކީވެފައިވާތަން ކަމަށެވެ. މަގުހެދުން، ބަނދަރު، ޓާޝަރީ ހޮސްޕިޓަލް ފަދަ އެތައް ކަމެއް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެއްވެސް ކަމެއް ރަނގަޅަށް ނުހިނގާ ކަމަށެވެ.

"މިއީ މުޅި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ރައްޔިތުންނަށް ތަރައްގީ ފެނިފައިވާ ކަމަށާއި އަނެއްކާވެސް ދިވެހީން ބޭނުންވަނީ އެފަދަ ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ރައްޔިތުން އޭނާއަށް އިތުބާރުކޮށް ފުރުސަތު ދީފިނަމަ އެ ސިޓީގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކޮށްދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި މި ސިޓީގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި، ހަނި ގޯޅިތައް ގައު އަތުރައިގެން ތަރައްގީކުރާނެކަމަށް މުއިއްޒު ވައުދުވެވަަޑައިގެންނެވިއެވެ.

ކުޅުދުއްފުށީގައި ހުންނަން ޖެހޭނީ ހުރިހާ ބަލިތަކަކަށް ފަރުވާދެވޭ ހޮސްޕިޓަލެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ މާލެއަށް ބަރޯސާވުން ހުއްޓައިލެވޭނެ ހޮސްޕިޓަލަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި ހުރިހާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭނެ ފެންވަރަށް ކުޅުދުއްފުށީގެ ހޮސްޕިޓަލް ތަރައްގީ ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވީހާ ވެސް ގިނަ މީހުންނަކީ މި ސިޓީއަށާއި އަތޮޅަށް ނިސްބަތްވާ ދިވެހިންނަށް ހަދާނެކަމަށާއި އެއީ މި ސަރަހައްދަށް ކުރިއެރުން ލިބޭނެކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާއަށް މުއިއްޒު ވަޑައިގެންނެވުން --

ބަލި ޖެހުމުގެ ކުރިން ބަލި ޖެހުން ހުއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އޭނާގެ ސަރުކާރެއްގައި އިސްކަންދޭނެކަން މުއިއްޒު ފާހަގަކުރެއްވިއެވެެ. އެގޮތުން ޕްރިވެންޓިވް ހެލްތު ކެއާއަށް ވަރަށް އިސްކަންދޭ ސަރުކާރަަކަށް އޭނާގެ ސަރުކާރުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ، އޭނާގެ ވެރިކަމެއްގައި 24 ގަޑިއިރު ޚިދުމަތްދޭނެ ދަމަނަވެއްޓެއް ކުޅުދުއްފުށީގައި ގާއިމުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ ވާހަކަ ދައްކަވާ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ގިނަ މައްސަލަތަކެއްގެ އަސްލަކީ އެއީ ކަމަށެެވެ.

"މިއީ ސުވާލެއް ނެތް ޝައްކެތް ނެތް ސާފު ސީދާ ވާހަކައެއް. އަޅުގަނޑުމެންގެ ސިޔާސަތަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެކޭ ބޯހިޔާވަހިކަމަކީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ބަޔަކަށް ގޯއްޗެއް ދިންކަމުގައި ވިޔަސް، އެ ތަނަކު ގެދޮރު ބިނާ ނުކުރެވޭ ކަމަށެެވެ. ގެދޮރުވެރިކަމުގެ ސިޔާސަތު އެންމެ މަތީ ދަރަޖައަށް ބައްޓަން ކޮށްފިނަމަ ސަރުކާރުގެ ބޭންކިން ނިޒާމުގެ ތެރެއިން، ބޭންކުތަކުން އަތްފޯރާ ފަށުގައި ހައުސިން ލޯނު ލިބޭ ގޮތަށް ހަމަޖެއްސޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި ލޯން ހަމަޖައްސައިދެއްވާނެކަމަށާއި ލޯން ދެވޭނީ ފަސް ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ކަމަށް މުއިއްޒު ވިދާޅުވޮއިއެވެ

"ފުރަތަމަ ގެ އަޅާ ފަރާތަށް އިސްކަންދެވޭނެ. އެ ޔަގީންކަން ދެވިގެންދާން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ގެ އަޅަން ފަށައި، ހުއްޓިފައި ހުރި މީހުންނަށް ހައުސިން ކޮމްޕްލީޝަން ލޯން ސްކީމް ވެސް ތައާރަފްކުރާނެކަމަށް މުއިއްޒު ވައުދުވެވަަޑައިގެންނެވިއެވެ. ސަރުކާރުގެ ބަޖެޓުން ވަކި އަދަދެއް އެޗްޑީއެފްސީގެ ހައުސިން ފަންޑަށް އިތުރުކުރެވި އެ ފަންޑު ބޮޑުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގެދޮރު އެޅުމަށް ލުއި ލޯނު ދެވޭނެކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕޭން ޖަލްސާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

މި ރަށުގައި ހެދިފައިވާ އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް ވެސް އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓާ އިންވެގެން އުތުރަށް އޮންނަ ހުސްބިމުގައި އިގްތިޞާދީ ނަފާ ލިބޭ ފަދަ ކަމެއް ކުރާނެކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ ވައުދެއްވެ އެ ވައުދެއް ނުފުއްދަވާ ހުންނެވި ބޭފުޅެއް ނޫން. އަޅުގަނޑުމެން ވެސް ދާނީ އެ މަގުން،" މުއިއްޒު ވިދާޅުވިއެވެ.

"އިގްތިސާދީ ގޮތުން ކުރެވެން ހުރި ކަންކަން ނުވެ މި ހުރީ މި އަތޮޅުގައި ވެސް. އެބަޖެހެއެއް ނޫންތޯ މި ކަމަށް ވެސް ނިމުމެއް އަންނަން،"

މި ހުރިހާ ކަންކަމަކަށް ފައިސާ ހޯދާނެ ގޮތަކާމެދު ސުވާލު އުފައްދަވާކަމަށާއި ނަމަވެސް، ފައިސާ ހޯދާ ވަހަކަ ދައްކާއިރުގައި އެ ވާހަކަ ދައްކާ ބޭފުޅުން ވަނީ މި ގައުމު އަނދަވަޅަކަށް ވައްޓައިލައިފައިކަމަށް މުއިއްޒު ތުހުމަތު ކުރެއްވިއެވެ. ސަރުކާރުގައި 100 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށާއި އެ ދަރަނި ރީސްޓްރަކްޗާކޮށް ދެއްކޭނެ ގޮތް އޭނާގެ ސަރުކާރެއްގައި ހޯދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ޚަރަދު ކުރާނެ ގޮތް ބެލުމަށް ފިސްކަލް ޕޮލިސީއެއް މަޖިލީހުން ފާސްކުރައްވާނެކަމަށް ވިދާޅުވިއެވެ. އޭރަށް ކުރެވޭ ބޭކާރު ޚަރަދުތައް ހުއްޓޭނެކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕޭން ޖަލްސާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

ސަރުކާރު ހިއްސާވާ ކުންފުނިތައް ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި ނަމަވެސް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ ފިނޭންސް މިނިސްޓްރީންކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެ ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށާއި އެ ކަން ކުރާނެ ނިޒާމެއް ހޯދާނެކަމަށް ވިދާޅުވިއެވެ.

އެ ކަމަށް ޓަކައި ރާއްޖޭގައި ޑިވަލޮޕްމަންޓް ބޭންކެއް ގާއިމުކުރައްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ވާހަކަ ނިންމަވާލައްވަމުން މުއިއްޒު ވިދާޅުވީ، އިންތިޚާބު ދެވަނަ ބުރަކަށް ދާނަމަ ސާޅީހަކަށް މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އެއީ އިސްރާފްވާ 40 މިލިއަން ރުފިޔާއަށް ނުހައްދަވާ، އެއްބުރުން ގޮތް ނިންމަން ޖެހޭ ކަމަށް ވިދާޅުވިއެވެ.