މީގެ އަހަރުތަކެއް ކުރިން ޕްރޮޑިއުސަރު ކަރަން ޖޯހަރާއި އެކްޓަރު ކާތިކް އަރްޔަންއާ ދެމެދު ޖެހުނު ކޫސަނި މައްސަލައަށް ނިމުން އައިސްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިއާގެ މެލްބޯންގައި ކުރިއަށްދާ އިންޑިއަން ފިލްމު ފެސްޓިވަލުގައި ކަރަންއާއި ކާތިކް ވަރަށް އެކުވެރިކޮށް އުޅޭ މަންޒަރު ރިޕޯޓަރުންގެ ރާޑަރަށް ވަނީ އަރާފައެވެ.

މީގެ ތިން އަހަރު ކުރިން ކަރަން އިއުލާނުކުރި ފިލްމު "ދޯސްތާނާ2"ކަށް ކާތިކްއަށް ހުށަހެޅުނު ޚަބަރަކީ ބެލުންތެރިންނަށް އުފާވެރި ޚަބަރަކަށްވީ ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ކާތިކް ފިލްމުން ވަކިވި ޚަބަރާ އެކު ގިނަ ބަޔަކު މާޔޫސް ކުރުވިއެވެ.

ކަރަންއާއި ކާތިކްއާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކާ އެކު ފިލްމު ހުއްޓުމަކަށް އައުމުން ކަރަންގެ ނުފޫޒު ބޭނުން ކޮށްގެން ކާތިކްގެ ކެރިއަރު ނިމުމަކަށް އަންނާނެކަމުގެ ބިރުވެސް އޭރު ގިނަ ބަޔަކަށް ހީވިއެވެ. ނަމަވެސް އޭގެ ފަހުން ވެސް ކަރަންއާއި ކާތިކް އެކި ހަފްލާތަކުން ބައްދަލުވި ނަމަވެސް ދެ މީހުން އެކީގައި ފިލްމެއްގައި މަސައްކަތް ކުރާނެކަމުގެ އިޝާރާތެއް ލިބިފައެއް ނުވެއެވެ.

އިންޑިއަން ފިލްމު ފެސްޓިވަލުގައި މީޑިއާ ރިޕޯޓަރުން "ދޯސްތާނާ2"އާ ބެހޭ ގޮތުން ސުވާލު ކުރުމުން ކަރަން ބުނެފައިވަނީ ކާތިކްއާ އެކު މަސައްކަތް ކުރަން ކުރި މަސައްކަތް އޭރު ނާކާމިޔާބުވި ނަމަވެސް އެކީގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި، އުއްމީދަކީ ވަރަށް އަވަހަށް ކާތިކްއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

ފިލްމު "ދޯސްތާނާ2"އާ ބެހޭ ގޮތުން ކަރަންބުނީ މީޑިއާއިން ކުރާ ކޮންމެ ސުވާލަކަށް ވެސް ދޮގެއްނެތި ޖަވާބުދާރީވާން ތައްޔާރަށް ހުރި ކަމަށެވެ. ކާތިކް މިހާތަނަށް ހިންދީ ސިނަމާއަށް ގެނެސްދީފައިވާ ކޮންމެ ފިލްމަކީ ވެސް ވަރަށް މާނަފުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ އަސަރުގަދަ ފިލްމުތަކެއްކަން ފާހަގަކުރެވޭ ކަމުގައި ކަރަން ވަނީ ބުނެފައެވެ. އަދި، އަބަދުވެސް ކާތިކަށް ކާމިޔާބީ އެދޭ ކަމަށާއި ކާތިކަކީ ފިލްމީ ދާއިރާގެ ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމަށް ބުނެ ކަރަންވަނީ އެކްޓަރަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ.

މި އަހަރުގެ އިންޑިއަން ފިލްމު ފެސްޓިވަލުގައި ކާތިކްއަށް ވަނީ ރައިޒިންގް ގްލޯބަލް ސުޕަސްޓާ އޮފް އިންޑިއަން ސިނަމާގެ އެވޯޑް ލިބިފައެވެ. މިދިޔަ ޖޫން މަހު ރިލީޒްވި ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ"އަށްފަހު ކާތިކް އެންމެ އަވަހަށް ފެންނާނީ ޑައިރެކްޓަރު ކަބީރު ޚާންގެ ފިލްމު "ޗަންދޫ ޗެމްޕިއަން"އިންނެވެ.