07 May 2012, 14:33
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އިފްތިތާހުކޮށްފި އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީ އިފްތިތާހުކުރުން އޮތީ އެމަނިކުފާނު މިހާރު ފ. އަތޮޅާއި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ކަމަށެވެ. އެ ޖަލްސާގައި ރައީސް ނަޝީދުގެ ސަރުކާރުގެ ބައެއް ކެބިނެޓް މެންބަރުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޑީޕީ އިން ބުންޏެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީޒް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.
ނަޝީދު މިއަދު ހެނދުނު ވަނީ މަގޫދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޖަގަހައިގެ ބިންގާ ވެސް އަޅުއްވައިދެއްވައިފަ އެވެ. އެއަށް ފަހު އެމަނިކުފާނު ބިލެތްދޫއަށް ވަޑައިގެން އެ ރަށު އެމްޑީޕީގެ ހަރުގޭގައި ބިލެތްދޫ ގޮފިތަކުގެ އިދާރީ މަރުކަޒު ހުޅުވުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވި ކަމަށް އެމްޑީޕީ އިން ބުންޏެވެ.
ރައީސް ނަޝީދުގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު މެންދުރު ފަހު ފީއައްޔަށް ވަޑައިގަތުމަށް ފަހު މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފަ އެވެ.
އެއްވެސް ވާދަކުރުމެއް ނެތް ރިޔާސީ ޕްރައިމަރީ ނަޝީދު މި އިފުތިތާހު ކުރެއްވީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ވަކިކޮށްފައިވާ، އެ ޕާޓީގެ އިންތިހާބީ ރައީސް ޑރ. އިބްރާހީމްދީދީ އާއި ނާއިބު ރައީސް އަލްހާން ފަހުމީ، ނަޝީދަށް ޕާޓީގެ އާންމު މެންބަރެއް ފިޔަވައި އިތުރު ހައިސިއްްޔަތެއް ނެތް ކަމަށް ބުނަމުން އަންނަ ދަނދަޑިވަޅެއްގަ އެވެ.