12 Aug 2023, 15:39
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި، އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ރައީސް އައްޝައިޚް އިލްޔާސް ޖަމާލް ރަސްމީ ދަތުރުފުޅެއްގައި މައްކާއަށް ވަޑައިގެންފިއެވެ.
ސައުދީގެ އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ، މި ދަތުރުފުޅުގައި އިލްޔާސް މައްކާގައި އޮންނަ "ކޮމިއުނިކޭޝަން އެންޑް އިންޓެގްރޭޝަން" ކޮންފަަރެންސުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މާދަމާ ފަށާ އެ ހަރަކާތް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ޚިދުމަތުގައި އިސްވެ އުޅުއްވާ ޢިލްމުވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ދާއިމަށް ދެމިގެންވާ އިސްލާމީ ރިސާލަތު ފެތުރުމަށް ކުރެވޭ މަސައްކަތްތަކީ ގުޅި ލާމެހިގެންދާ ފުރިހަމަ މަސައްކަތްތަކަކަށް ހެދުމަށްޓަކައި އެއްބަޔަކު އަނެއްބަކަށް އެހީތެރިކަމާއި އެއްބާރުލުންދިނުމެވެ.
ޖުމްލަ 85 ގައުމަކުން 150އަށް ވުރެ ގިނަ އިލްމުވެރިން ބައިވެރިވާ މި ކޮންފަރެންސްގައި އިލްޔާސް ޖަމާލް އަރަބި ބަހުން އިލްމީ ކަރުދާހެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.