07 May 2012, 13:56
މިނިސްޓްރީތަކަށް ކަނޑައަޅާފައިވާ ބަޖެޓުން މިނިސްޓަރުންނަށް އައިޕެޑާއި ފޯނު ފަދަ ތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީ ނެރުނު ސާކިއުލާ ބާތިލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފިނޭންސް މިނިސްޓްރީ އަށް މިއަދު އަންގައިފި އެވެ.
މިނިސްޓްރުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ މިދިޔަ އެޕްރީލް 30، 2012ގައި ނެރުނު ސާކިއުލާ ބާތިލް ކުރުމަށް ފަހު އޭސީސީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަޒީރުންނަށް މުސާރަ އާއި އިނާޔަތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ކުރަންވަން ޖެހޭ އެފަދަ ކަންކަން ދައުލަތުގެ އެހެންބާރުތަކުން އަމިއްލައަށް ހަމަޖެއްސުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަމަޖައްސެވި ގޮތަކަށް އަމަލުކުރެއްވުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ފަނޑިޔާރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މުސާރަ އާއި އިނާޔަތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ވީމާ ރައްޔިތުންގެ މަޖިލީހުން ކުރައްވަން ޖެހޭ މިދަފަކަންކަން ދައުލަތުގެ އެހެންބާރުތަކުން އަމިއްލައަށް ހަމަޖެއްސުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަމަޖެއްސެވުމަށް ފަހު އެ ހަޖެއްސިވި ގޮތަކަށް އަމަލުކުރެއްވުމަށް 7 މެއި 2012ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ވާނީ އަންގާފަ އެވެ،" އޭސީސީން ނެރުނު ބަޔާނުގައިވެ އެވެ.
މުއައްސަސާތަކުން ނިންމައިގެން އަމިއްލައަށް އިނާޔަތްތައް ކަނޑައެޅުމަކީ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ކަންތައްތަކެއް ކަމަށާއި އެކަންކަމަކީ ދައުލަތުގެ އެއްވެސް އިދާރާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާރު ސޮއިކުރައްވައި މިދިޔަ އެޕްރީލް 30، 2012ގައި ނެރުނު ސާކިއުލާގައި ބުނެފައި ވަނީ މޯބައިލް ފޯނަކާއި ލެޕްޓޮޕް ނޫނީ ނޯޓް ބުކް ކޮމްޕިއުޓަރަކާއި ޑެޕްލެޓް ޕީސީ ނުވަތަ އައިޕެޑެއް އަދި އެއާ އެކު ޑޭޓާ ސިމެއް ބޭނުން ކުރަންޖެހޭ ނަމަ އެ ސިމާއި ޑޭޓާ ޕެކޭޖްވެސް މިނިސްޓްރުންނަށް ދޭންޖެހޭނެ ކަމަށެވެ.
މިނިސްޓަރުންގެ ފޯނު ބިލް ދެއްކޭނޭ އުސޫލެއް ވެސް ބަޔާންކޮށްފައިވާ ސާކިއުލާގައި ބުނެފައި ވަނީ މިނިސްޓަރެއްގެ ފޯނު ބިލަކަށް ދައުލަތުގެ ބަޖެޓުން ދައްކަން ޖެހޭނީ މަހަކަށް 4000ރ. އެވެ. އެއަށް ވުރެ އިތުރުވާ ފައިސާ ދައްކަން ޖެހޭނީ އެ މިނިސްޓަރެއްގެ އަމިއްލަ ޖީބުން ކަމަށް ސާކިއުލާގައިވެ އެވެ. އަދި ރާއްޖެ އިން ބޭރަށް ދަތުރުކުރައްވާއިރު ރޯމިން ހިދުމަތް ބޭނުންކުރާ ނަމަ އެ މަހެއްގެ ބިލުން ކޮށްފައިވާ ރަސްމީ ކޯލުތައް އެ މިނިސްޓަރަކު ފާހަގަކޮށް ބިލްގައި ސޮއި ކުރުމުން އެ ކޯލްތަކަށް ސަރުކާރުން ފައިސާ ދޫކުރާގޮތަށް ވެސް ވަނީ ނިންމާފަ އެވެ. އަދި މިނިސްޓަރުންގެ މަސައްކަތަށް ބޭނުންވާ ތަކެތި މިހާތަނަށް ހޯދާފައި ނުވަނީ އެ ތަކެތި ހޯދާނެ އުސޫލެއް ސާފުވެފައި ނުވާތީކަމަށް ވެސް ސާކިއުލާގައިވެ އެވެ.