ނ. ކުޑަފަރީން، މުޙައްމަދު ނާއިލް ޙަފީޒް

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރަން ނިންމި ގޯތިތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވީ ނ. ކުޑަފަރީގައި ހުންނަވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގޯތިތައް ދޫކުރުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައިކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕްލޭނަކީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން [އަންގާރަ ދުވަހުން ފެށިގެން] ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށަން. ކޮންމެ ދުވަހަކު ކޮންމެ ވެސް ބަޔަކަށް، އާއިލާއަަކަށް ގޯތި ލިބެމުންދާތަން ބަލަން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި، ފްލެޓު ދޫކުރުމަށް ހިއްކަމުން އަންނަ ގުޅީފަޅާއި، ގިރާވަރުފަޅުގެ މަސައްކަތުގެ 50 ޕަސެންޓު ނިމިއްޖެ ކަމަށް ރޭ ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ އެ ދެ ފަޅު ވިހާވެސް އަވަހަކަށް ހިއްކާ، ގޯތި ކަނޑަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެންމެ އެދޭ ކަންތައްކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑު މާލޭގައި އެ ކަމުގެ ދިރާސާއެއް ހަދައިފައިވާކަމަށެވެ. މި ސަރުކާރުން ފްލެޓު އަޅައި ގޯތި ދެމުން އަންނަނީ އެ ދިރާސާގެ އަލީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިރާސާއިން ދައްކާ ގޮތުގައި އެއިރު ވެސް 18،000 އާއި 20،000 މީހުން ފްލެޓު ބޭނުންވާކަމަށް އެ ދިރާސާއިން ދެއްކި. މިއަދު ފްލެޓަށް ހުޅުވައިލުމުން ގާތްގަނޑަކަށް ހަމަ އެ އަދަދު ކުރިމަތިލައިފައިވަނީ. 19،000 މީހުން ކުރިމަތިލައިފައިވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު މަސައްކަތްކުރަމުން މި އަންނަނީ ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފްލެޓު ދިނުމުގެ މަސައްކަތްކަމަށެވެ.

"ފްލެޓަށް ކުރިމަތިލައިގެން ޝަރުތު ހަމަވާ ކޮންމެ މީހަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ދައުރު ނިމުމުގެ ކުރިން ފްލެޓް ދީ ނިންމާނަން،" ރައީސް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި ފްލެޓް ލިސްޓުގައި 20،697 މީހަކު ލިސްޓުކޮށްފައިވެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.

ގޯތި ލިބޭ މީހުންގެ މިދިޔަ ޖޫން މަހުގެ 26ގައި އިއުލާންކޮށްފައިވާ އިރު ގޯއްޗަށް އެދި 15،164 ފޯމް ހުށަހަޅާފައިވެއެވެ.