މިހާރު ކުރިއަށް ދާ ތަރައްގީގެ މަޝްރޫތައް ހުއްޓައިނުލައްވާނެކަމަށާއި އެއީ ތަރައްގީގެ ފިކުރުގެ ބަޔަކު ކުރާނެކަމެއް ނޫންކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުތައް އަތޮޅުތެރެއަށް ފައްޓަވައި މިއަދު ހދ. ހަނިމާދޫގެ ޕީޕީއެމްގެ ޖަގަހައިގައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާ މުއިއްޒުވަނީ އެ މެންބަރުންގެ އަޑުއައްސަވައިފައެވެ.

މުއިއްޒު ވިދާޅުވީ ރަށަށް އަންނަން އޮތް އެއްވެސް ތަރައްގީއެއް ހުއްޓައިނުލައްވާނެކަމަށެވެ. މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ހުއްޓައިލުމަކީ ތަރައްގީގެ ފިކުރުގެ ބަޔަކު ކުރާނެކަމެއް ނޫން ކަމަށާއި އެ ޕާޓީއަކީ ތަރައްގީގެ ޕާޓީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ހަނިމާދޫ ޖަގަހަ ޖަލްސާގައި --

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެއީ ރަށަށް ފައިދާވާ ގޮތަކަށް ކުރިއަށް ގެންދެވިއްޖެނަމަ ވަރަށް ފައިދާހުރި ޕްރޮޖެކްޓެއް ކަމަށެވެ.

"އެއީ އެ ޕްރޮޖެކްޓުގެ ތެރެއިން ގެނެވޭ ތަކެއްޗަކީ މި ރަށުުގައި ލިބޭ އެއްޗެއް ކަމަށް ވަންޏާ މި ރަށުން އެ ސޯސްކުރެވޭ ގޮތަށް ކަންކަން ވަންޏާ ރަށަށް ވިޔަފާރިއަށް ވެސް ފައިދާވާނެ. ޕްރޮޖެކްޓުގައި ވަޒީފާ ދެވޭ ފަރާތްތަކަކީ އޭގެ ވަކި އިންސައްތަ އެއް ނަމަވެސް މި ރަށުގެ ރައްޔިތުންނަށް ދެވޭ ވަޒީފާއަކަށް ވަންޏާ ފައިދާވާނެ،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިހާރު އެ ހިންގާ ގޮތަށް ވުރެ ރަނގަޅަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ތަރައްގީއަށް ލޯބިކުރާ ތަރައްގީ ގެންނަން ބޭނުންވާ ރަށެއް. އެ ކަން ވާނީ ރައީސް ޔާމީންގެ ފަސް އަހަރުގައި ފެނިފައި،" މުއިއްޒު ވިދާޅުވިއެވެ.

ހަނިމާދޫގެ ބައެއް ރައްޔިތުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް މުއިއްޒާ ހިއްސާކޮށްފައެވެ. ހޮސްޕިޓަލް ތަރައްގީކުރުމާއި މަސް ކިރޭނެ ގޮތެއް މި ސަރަހައްދުން ހޯދައިދިނުމަށް މީހުން ވަނީ އެދިފައެވެ.

އަތޮޅުތަކަށް މުއިއްޒު ފެއްޓެވި ދަތުރުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ލީޑާޝިޕްގެ ގިނަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.