ޅ. ނައިފަރުން ގޯތި ދޫކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް "ގޯތި ކޮމިޓީ" އިން އަމަލުކޮށްފައިވާކަން އެނގެން ނެތް ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އޭސީސީ އިން މިހެން ބުނެފައި ވަނީ ނައިފަރުން ގޯތި ދޫކުރުމުގައި ގޯތި ކޮމިޓީ އިން ކޮރަޕްޝަނަށް ފަހު ފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށް ފަހު މިއަދު އާންމު ކުރި ރިޕޯޓެއްގަ އެވެ.

އޭސީސީން ބުނީ ނައިފަރުން ގޯތި ދޫކުރުމަށް ޖޫން 01 2011 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 1151 ފަރާތަކުގެ މާކްސްދީ ނިންމުމަށް ފަހު، އެފޯމްތައް ތަކުރާރުކޮށް ބެލުމަށް ފަހު އުނިއިތުރެއް ގެންނަން ޖެހޭ، ފޯމްތަކަށް ބަދަލުގެނެސްފައި ވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މާކްސް ދިނުމަށް ފަހު، އުނިއިތުރު ގެނައުމުގައި އެއްވެސް މީހެއްގެ މާކްސް މިންގަނޑާ ހިލާފަށް ދަށްކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ގޯތި ދޫކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތައް ފަރުމާކޮށްފައި ވަނީ ނައިފަރުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އޫސޫލަކުން ގޯތި ލިބިދޭނެ ގޮތަކަށް ނޫން ކަމަށާއި އެގޮތުން އެރަށުގެ އެއް އާއިލާއަކުން ހަ ފަރާތަކަށް ގޯތި ލިބޭއިރު އެގޭގެ ގޭބިސީއާ ދާދި އެއްހާލަތެއްގައި ދިރިއުޅެމުން އަންނަ ފަރާތަކަށް ގޯތި ލިބިފައިނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބެލި އިރު އެއް ގެއަކުން ހަ ފަރާތަކަށް ގޯތި ލިބޭ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. އަދި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ ވަކިހަމައަކުން މީހުން ވަޒަން ކުރުމަށްޓަކައި ގާނޫނާ ގަވާއިދާ އެއްގޮތަށް ކަނޑައަޅާފައިވާ މިންގަނޑަކަށްވާތީ އެމިންގަނޑަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ މިންގަނޑެއް ނޫން ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެކޮމިޝަނަށް ހުށަހެޅިފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޅ. ނައިފަރުގައި ބޯހިޔާވަހިކަމެއް ނެތި ވަރަށް ދަތިހާލުގައި ވަރަށް ގިނަ މީހުން ތިބިއިރު ނައިފަރުން ގޯތި ދިނުމަށް އެކުލަވާލާފައިވާ ލިސްޓުގައި އެމީހުންގެ ނަން ހިމެނިފައިވާނުވާ ކަމަށް ބުނާ މައްސަލަ އާއި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ޝަރުތު ހަމަވާ މީހުންގެ ލިސްޓްގައި ހިމެނިފައިނުވާ ކަމަށް ބުނާ މައްސަލާގައި ގޯތި ކޮމިޓީން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް ނައިފަރު ކައުންސިލުން އުފައްދާފައިވާ ނައިފަރުން ގޯތި ދޫކުރުމުގެ މަސައްކަތާ ބެހޭ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބަލަހައްޓަމުން ނުގެންދާ މައްސަލަ ފާހަގަކޮށް އެކަންތައް އިސްލާހުކުރުމަށް ނައިފަރު ކައުންސިލަށް އޭސީސީން ވަނީ އަންގައިފަ އެވެ.