ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވަން ޖެހިވަޑައިގެންފައިވަނީ އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އެ ގޮތް އެދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތުހުމަތު ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބަށް ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް ގދ. ގައްދޫގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޔާމީން ޖަލުން މިނިވަން ކުރުމަށް ހަގީގީ މާނައެއްގައި މަސައްކަތް ކޮށްދެވޭނީ ޑިމޮކްރެޓްސްއަށް ކަމަށެވެ. އަދި، އެ ކަން ޕީޕީއެމްގެ ވަރަށް ގިނަ އާންމު މެންބަރުން ދަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީލޯންޑްރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް، ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު، އިސްތިއުނާފު މަރުހަލާ ނުނިމި އޮތުމުން، ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ ކަމަށް އިޝާރާތް ކުރައްވާ، ނަޝީދު މިރޭ ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ޔާމީން މިނިވަންވާކަށް ނޭދެއެވެ. ނޫންނަމަ، މިހާ ދުވަހު އެ މަނިކުފާނު ޖަލުގައި އޮންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، މިއަދު ވެސް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް. ޕީޕީއެމަކަށެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ޕީޕީއެމަށް އެ މަސައްކަތް ކުރެވޭ ނަމަ، ރައީސް ޔާމީން ޖަލުގައެއް ނުހުންނަވާނެ. މި ދައުރު އެކީ ޖަލުގައި އެ ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑާޝިޕްގައި އެ ތިއްބެވި ގިނަ ބޭފުޅުން އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީތީވެ. އަޅުގަނޑު ޖަލުގައި ނެތީ، ކުޑަ ދުވަސްކޮޅަކު އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީގެ މެންބަރުންނަށް އެކަން ކުރާން ވެސް އެނގޭތީވެ،"

ޑިމޮކްރެޓްސްއިން ގައްދޫގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ޑިމޮކްރެޓްސް

ނަޝީދު ވިދާޅުވީ، ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން ވެސް މި ފަހަރުގެ އިންތިޚާބުގައި ވޯޓު ދެއްވާނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ކަމަށެވެ.

އެއީ، ދެން އުފެދޭ ޕީޕީއެމްގެ ސަރުކާރެއްގައި ޔާމީނަށް ބޭވަފާތެރިވާނެ މަންޒަރު އެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މިހާރު ވެސް ޕީޕީއެމުން ވަނީ ޔާމީނަށް ބޭވަފާތެރިވެފައި ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފައެވެ.

"ދެން ފެށޭ ސަރުކާރެއްގައި، ޕީޕީއެމްގެ މެންބަރުންނެއް ވެސް ނޭދޭ ރައީސް ޔާމީނަށް ދެރަގޮތެއް ވާކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ މި ސަރުކާރުން އެ މަނިކުފާނު ބާކީ ކޮށްލެއްވީ ކަމަށް ވިދާޅުވެފައެވެ. އަދި، އެ ގޮތަށް ޔާމީނާ ދޭތެރޭ ކަންތައް ވާން ޕީޕީއެމްގެ އާންމު މެންބަރުންނެއް ނޭދޭނެ ކަމަށާއި އެހެންވެ، އެ މެންބަރުން މި ފަހަރު ވޯޓު ދޭނީ ޑިމޮކްރެޓްސްއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރަން އެއްބަސްވެ ސޮއި އަޅާތާ، ހަފުތާއެއް ތެރޭގައި އިރާދަކުރެއްވިއްޔާ، މާލޭ މަގުމަތީގައި އަޅުގަނޑު އަބަދު އޮވެގެން ވެސް ރައީސް ޔާމީން ގެޔަށް ގެނެސްދޭނަން. އަދި، ރައީސް ޔާމީން ދޫ ވެސް ކޮށްލައިނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވައިފައެވެ. އެކަމަކު، އެ ޕާޓީގެ ސެނެޓުން ވަނީ ތަކުރާރުކޮށް އެންގެވުމުން ވެސް އިންތިޚާބު ބޮއިކޮޓު ކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އަދި، ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.