12 Aug 2023, 07:44
އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މިއުޒީޝަން އޭ އާރް ރަހްމާން އިންޑިއާގެ މުމްބާއިއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންނުވުމުގެ ފަހަތުގައި ގިނަ ސިއްރުތަކެއްވާކަން ހާމަކޮށްފިއެވެ.
މިއުޒިކް ދާއިރާއިން ދެ ފަހަރުމަތިން އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ ބުނެފައިވަނީ 1990އިގެ އަހަރުތަކުގެތެރޭގައި މުމްބާއިގައި އަންޑަވޯލްޑް މާފިއާގެ ސަގާފަތް ވަރަށްބޮޑަށް އޮތްކަމަށް ދެކޭކަމަށާއި ލިބުނު ބޮޑެތި ހުށަހެޅުންތައް އޭރު ގަބޫލުނުކުރީ އެހެންވެކަމަށެވެ.
އިންޑިއާގެ ދަ ހިންދޫއަށް ދިން އިންޓަވިއުއްގައި އޭ އާރް ރަހްމާން ބުނީ މުމްބާއިއަށް ނިސްބަތްވާ މަޝްހޫރު ޕްރޮޑިއުސަރެއްގެ ފަރާތުން އިންޑިއާގެ ހައިދްރައާބާދުގައި ދިރިއުޅޭނެ ބޮޑު ގެއަކާއެކު ފައިސާގެ ބޮޑު ޢަދަދެއްވެސް އޭރު ހުށަހެޅިކަމަށެވެ. ހަމައެއާއެކު ކާމިޔާބު ޑައިރެކްޓަރު ސުބާޝް ގާއިވެސް ހިންދީ ބަސް ދަސްކުރުމަށާއި ނޯތު އިންޑިއާގެ މީހުންގެ މެދުގައި އޭ އާރް ރަހްމާން ވަރަށް މަގުބޫލުވެފައިވާކަމަށް ބުނިކަމަށް ލަވަކިޔުންތެރިޔާވަނީ ބުނެފައެވެ.
ނަމަވެސް އޭރު މުމްބާއިއަށް ދިރިއުޅުން ބަދަލުކުރުމަކީ ރައްކާތެރިކަމެއްގެގޮތުގައި ނުދެކޭކަމަށާއި މިއަދާ ހަމައަށްވެސް މުމްބާއީއަށް ދިރިއުޅުން ބަދަލުކުރުމުގެ ޚިޔާލު ނުގެންގުޅޭކަމަށް އޭނާވަނީ ބުނެފައެވެ. އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ މިއަދާ ހަމައަށްވެސް ދިރިއުޅެމުން އަންނަނީ އާއިލާއާއެކު ޗެންނާއީގައެވެ.
ފިލްމު "ސްލަމްޑޯގް މިލިއަނަ"އަށް ތައްޔާރުކޮށްދިން މިއުޒިކަށް އޮސްކާ އެވޯޑް ލިބުނު އޭއާރް ރަހްމާނަކީ އިންޑިއާގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ފަރާތެކެވެ. ދެ އޮސްކާ އެވޯޑްގެ އިތުރުން ދެ ގްރެމީ އެވޯޑްސްއާއެކު ގޯލްޑެން ގްލޯބް އެވޯޑްވެސް ލަވަކިޔުންތެރިޔާއަށްވަނީ ލިބިފައެވެ.
މިއަހަރު ރިލީޒްކުރި "ޕޮނީޔިން ސެލްވަން"އަށް މިއުޒިކް ތައްޔާރުކޮށްދީފައިވާ މިއުޒިކް ކޮމްޕޯސަރު އޭއާރް ރަހްމާން ބޭނުންވަނީ އޭނާގެ ލެގަސީ އޭނާގެ ތިން ކުދިން ދެމެހެއްޓުމަށްކަމަށެވެ.
އޭ އާރް ރަހްމާންގެ ކެރިއަރު ކޮޅަށްޖެހީ ވަރަށްބުރަ މަސައްކަތާއެކުކަމަށާއި މިހާތަނަށް ކުރި މަސައްކަތް ކުރިއަރުވާނެ ބަޔަކު ތިބެންޖެހޭކަމަށް ގަބޫލުކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިހާރަކަށް އައިސް ބޭނުންކުރާ ލަފުޒު 'ނެޕޮޓިޒަމް'އެއީ ގަބޫލުކުރާ އެއްޗެއްނޫންކަމަށާއި ކުދިން ބޭނުންވާ ދާއިރާއަކުން ކުރިޔަށްދިއުމަށް ހިތްވަރުދޭކަމަށްވެސް އޭ އާރް ރަހްމާންވަނީ ބުނެފައެވެ.
މިއުޒިކް އުފެއްދުމާއެކު ލަވަ ކިޔާ އަދި ލަވައިގެ ޅެންވެސް ތައްޔާރުކުރާ އޭ އާރް ރަހްމާންގެ ތިންކުދިންކަމަށްވާ ޚަތީޖާ، ރަހީމާ އަދި އަމީންއަކީވެސް މިއުޒިކް ދާއިރާއިން ކިޔަވައިގެން އެދާއިރާގައި މަސައްކަތްކުރާ ކުދިންނެވެ.