11 Aug 2023, 21:46
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ހުވަދޫ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން ގއ. ވިލިގިއްޔަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ޕީޕީއެމް ސަޕޯޓަރުން ހިންގި ހަމަނުޖެހުން ކުށްވެރިކޮށްފިއެވެ.
އެ ކަމާ ގުޅިގެން ރައީސްގެ ކެމްޕެއިން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޕީޕީއެމްގެ ޓީޝާޓު ލައިގެން އެ ޕާޓީގެ ދިދަ ހިފައިގެން ތިބި ބަޔަކު ފުލުހުންގެ ކޯޑަންއަށް ވަދެ ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަންނަން މަސައްކަތް ކުރި ކަމަށެވެ. އަދި، އެއަށް ފަހު އެ ތަނުގައި ފޯރިމަރަން ތިބި ފުލުހުންނާ ކުރިމަތިލީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި ރައީސްގެ ކެމްޕެއިން ޓީމުން ވަނީ، އަނިޔާވެރިކަން އިސްނުކޮށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް ޖާގަ ދިނުމަށް ގޮވާލާފައެވެ.
ރައީސްގެ ކެމްޕެއިން ޓީމުގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލާދީ މި ބަޔާނުގައި ވަނީ، މި އަހަރުގެ އިންތިޚާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަ ކުރުމަކީ ޑިމޮކްރަސީގެ ހަރުދަނާކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ކެންޑިޑޭޓަކު ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވިފައި ވާނެ ކަމަށާއި ނަމަވެސް، ކެމްޕެއިން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.