07 May 2012, 13:43
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓް މިނިސްޓްރީ އުފެއްދެވި ނަމަވެސް ހިއުމަން ރައިޓްސް އެމްބެސެޑަރު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ހިއުމަންރައިޓްސް އެމްބެސަޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) ކުރައްވާ މަސައްކަތާއި މިނިސްޓްރީން ކުރައްވާ މަސައްކަތަކީ ތަފާތު ދެ މަސައްކަތެއް ކަމަށާއި އިންސާނީ ހައްގުތަކުގެ ކަންކަމުގައި ރައީސުލްޖުމުހުރިއްޔާ ހިއުމަން ރައިޓްސް އެމްބެސެޑަރު ލަފާ އެރުވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
"މިއީ ވަރަށް ތަފާތު ދެކަމެއް ހިއުމަން ރައިޓްސް އެމްބެސެޑަރަކީ މިނިސްޓްރީގައި މަސައްކަތްކުރައްވާނެ ބޭފޫޅެއް ނޫން. އެކިއެކި އިންސާނީ ހައްގުތަކާއި ގުޅޭ ކަންކަމުގައި އެބޭފުޅާ ރައީސަށް ލަފާ އަރުވަމުން ގެންދަވާނެ. ނަމަވެސް ޖެންޑާ އެންޑް ފެމިލީ ހިއުމަން ރައިޓްސްގައި ކުރާނީ ކުޑަކުދިންނާއި އަންހެނުންނާއި ގޫޅޭ މަސައްކަތްތަކާއި އަދި އިންސާނީ ހައްގުތަކާއި ގުޅޭ އެކިކަންކަން ޕޮލިސީ ލެވެލްގައި ނިންމުމުގެ މަސައްކަތް އެވުޒާރައިން ކުރަމުން ގެންދާނީ،" އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިއުމަން ރައިޓްސްގެ ކަންކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭން ބޭނުންވާ ކަމަކަށްވާތީ އިދާރައަކުން އިންސާނީ ހައްގުތަކާއި ގުޅޭކަންކަން އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރެވޭނެ ކަމަށެވެ.
ރައީސުލް ޖުމުހިރއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވަނީ ހިއުމަން ރައިޓްސް މިނިސްޓްރީން އަންހެނުންނާއި ކުޑަކުދިންނާއި މަސައްކަތްކުރާ މީހުންގެ ހައްގުތަކާގުޅޭ ކަންކަން ދިރާސާކޮށް ރަނގަޅުކުރުމަކީ އެ މިނިސްޓްރީގެ މައިގަނޑު މަސައްކަތަކަށް ވާނެ ކަމަށާއި ސަރުކާރުގެ ހުރިހާ އިދާރާތަކުން ހިންގާ ހުރިހާ ޕްރޮގްރާމެއްގައި ހިއުމަން ރައިޓްސް މެއިން ސްޓްރީމް ކުރަން ޖެހޭކަ ކަމަށެވެ.
ސަރުކާރުން ބުނެފައިވަނީ ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓް މިނިސްޓްރީ އުފެއްދި ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތާ ފުށުއަރާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި ހިއުން ރައިޓްސް ކޮމިޝަނުގެ މައިގަނޑު މަގުސަދަކީ އިންސާނީ ހައްގުތައް ހިނގާ ނުހިގާ ގޮތް ބައްލަވައި ރަނގަޅަށް ކުރާ ކަންތަކާއި ގޯސްކޮށް ހިނގާ ކަންކަން ބަލައި ސަމާލުކަމަށް ގެނައުން ކަމަށެވެ.
ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް އުފައްދަވައި، މިނިސްޓަރު ކަމުގެ މަގާމަށް، ސ. ހުޅުދޫ ގޯރަންވިލާ، ފާޠިމަތު ދިޔާނާ ސަޢީދު، ޢައްޔަން ކުރައްވައި، އެކަމަނާއަށް މަގާމުގެ ފަތްކޮޅު މިއަދު ވަނީ ދެއްވާފާއެވެ.