12 Aug 2023, 07:40
މިދިޔަ އަހަރު ހިންދީ ސިނަމާއަށް ތަޢާރަފުވި ސައުތު އެކްޓަރު ވިޖޭއަށްވެސް މާޒީގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުކަމަށް އޭނާ ބުނެފިއެވެ.
އަންނަ މަހުގެ އެކެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ހުޝީ"އާ ބެހޭގޮތުން ވާހަކަ ދައްކަމުން އެކްޓަރު ބުނީ މިފިލްމާމެދު ކުރެވޭ އުއްމީދުތައް ބޮޑުކަމަށެވެ.
ވިޖޭ ހިންދީ ސިނަމާއަށް ތަޢާރަފުވި ފިލްމު "ލައިގާ"އަކީ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް ބޮކްސް އޮފީހުގައި މިފިލްމު މާބޮޑަކަށް ނުހިނގިއެވެ. އެހެންވެ ފިލްމަށްދިޔަ ޚަރަދުވެސްވަނީ ފޫނުބެއްދިފައެވެ. މިފިލްމު ފްލޮޕްވުމާ ބެހޭގޮތުން ވާހަކަދައްކަމުން ވިޖޭބުނީ މީގެކުރިންވެސް ކުޅުނު ގިނަ ފިލްމުތަކެއް ފޭލްވެފައިވާކަމަށެވެ. އަދި ފިލްމު "ލައިގާ"އަކީ ފުރަތަމަ ފްލޮޕް ނޫންކަމަށާއި ކެރިއަރުގެ ވަރަށްގިނަ ފިލްމުތަކަކީ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތައްކަމަށެވެ.
ފްލޮޕް ފިލްމުތަކާއެކު ބްލޮކްބަސްޓާ ފިލްމުތައް ކޮންމެ އެކްޓަރެއްގެ ކެރިއަރުގައިވެސް ތަޖުރިބާކުރާނެކަމަށާއި އެއީ އިންޑަސްޓްރީގެ އާދަކަމަށް ވިޖޭވަނީ ބުނެފައެވެ. ފޭލްވާ ކޮންމެ ފަހަރަކުވެސް ކުރިޔަށްވުރެ ބޮޑަށް މަސައްކަތްކުރާކަމަށާއި ނާކާމިޔާބީއާމެދު ހިތްނުތަނަވަސްނުވާކަމަށް ސައުތު ސިނަމާގެ އެންމެ މަގުބޫލު އެއް އެކްޓަރުވަނީ ބުނެފައެވެ.
ލޯބީގެ ރީތި ވާހަކައެއް ކިޔައިދޭ ފިލްމު "ހުޝީ"އަކީ ވިޖޭއާއެކު ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ސަމަންތާ ލީޑް ރޯލްއިން ފެންނާނެ ފިލްމެކެވެ. ކަޝްމީރުގެ ހިތްގައިމު އެކި ސަރަޙައްދުތަކުގައި ޝޫޓްކޮށްފައިވާ މިފިލްމު ތެލުގޫ ބަހުގެ އިތުރުން ހިންދީ ބަހުންވެސް ރިލީޒްކުރުމަށްވަނީ ނިންމާފައެވެ.
ފިލްމުގެ ޕްރޮމޯޝަންގެ ބައެއްގެގޮތުގައި މިފިލްމުގެ ޚާއްޞަ މިއުޒިކު ކޮންސެޓެއް މިމަހުގެ 15ވަނަ ދުވަހު އިންޑިއާގެ ހައިދުރައާބާދުގައި ކުރިޔަށްގެންދަންވަނީ ނިންމާފައެވެ. މި ކޮންސެޓްތެރެއިން ވިޖޭއާއި ސަމަންތާއާއި ބައްދަލުކުރުމުގެ ފުރުސަތު ސަޕޯޓަރުންނަށް ލިބޭނެކަމަށްވެސް ވިޖޭވަނީ ބުނެފައެވެ.