އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓް ކޮށްފިއެވެ.

އުރީދޫން ބުނީ ރައްކާތެރިކަމާ އެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތަށް އެ ކުންފުނީގެ ޚިދުމަތްތަކަށް އެދޭއިރު ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހުމަކީ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

އީފާސް އިންޓަގްރޭޓް ކުރުމަކީ ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ނޭޝަނަލް ސެންޓަރު ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކިއެކި ޚިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސް އެއް ކަށަވަރުވާނެ ކަމަށް ވެސް އޫރިދޫން ބުނެއެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އީފާސް އިންޓިގްރޭޝަން އުރީދޫގެ ޕްލެޓްފޯމްތަކަށް ތައާރަފު ކުރުމަކީ އެ ކުންފުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، މި ޕާޓްނާޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓް ކުރަން." ޚާލިދު ވިދާލުވިއެވެ.

އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އުރީދޫ ގެ ޚިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ، ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުންފުނިން ދޭ އަހައްމިއްޔަތުގެ ހެއްކެތް ކަމަށެވެ.

އީފާސް އުރީދޫއިން ބަލައިގަތުމަކީ، އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރާ އެކު ކުރި މުހިންމު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމް އަކަށް ބަދަލު ކުރުމުގައި ކަސްޓަމާ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގް އިން ކޮށް ޚިދުމަތަށް އެދެވޭނެއެވެ އަދި ކުރިއަށް އޮތްތަނުގައި ޚިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކޮށްގެން ކަސްޓަމަރުންނަށް އުރީދޫ ގެ ހުރިހާ ޚިދުމަތަކަށް އެދެވޭނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.