11 Aug 2023, 20:44
މިއަދުގެ ހުކުރު ވަގުތު، ރަންފައުން ފިހާރައިގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް އެ ފިހާރައަށް ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ ރަންފައުން ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިލައިފައިވާ މައްސަލަ މިއަދު 12:44 ހާއިރު ފުލުހުންނަށް ހުށަހަޅަިއފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އެ ފިހާރައިގެ ބިއްލޫރިގަނޑު އޭނާ ތަޅައިލީ ޕޭވްމަންޓް ގަލަކުން ކަމަށް މަންޒަރުދުށް މީހުން ކިޔައިދިނެވެ. އެ ވަގުތު އެ ތަނުގައި ތިިބި ބަޔަކު ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައެވެ.
ބިއްލޫރިގަނޑު ތަޅައިލި ނަމަވެސް، އެ ފިހާރައިން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ގަލެއް އެއްލައި، ފިހާރަ ތެރޭގައި ހުރި ޝޯކޭސްއެެއްގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅައިލައިފައެވެ.
މަޖީދީމަގާއި ފަރީދީމަގު ގުޅޭ ކަންމަތީގައި ހުންނަ ރަންފައުން ފިހާރައަކީ އިލެކްޓޯނިކްސް ސާމާނާއި އެއާކޮންޑިޝަން ފަދަ ތަކެތި ފުޅާ ދާއިރާއެއްގައި ވިއްކާތަނެކެވެ.