11 Aug 2023, 20:49
ގއ. ވިލިނގިއްޔަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއްޔެ ވަަޑައިގެންނެވިއިރު، އެ ރަށުގައި އިހްތިޖާޖުކުރަން ތިބި ބަޔަކަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ކަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުލްޙަވެރިކަމާ އެކު، އިޙުތިޖާޖު ކުރި ބަޔަކަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށާއި އެ ކަން ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ގާނުނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގަށް ހުރަސް ނޭޅުމަށް ގޮވައިލައިފައެވެ.
ގާނޫނުއަސާސީއާއި ގާނޫނުތަކުން ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި އިޙުތިޖާޖު ކުރުމުގެ ހައްގަށް ސަރުކާރުން އަރައިގަނެ، އެ ކޯލިޝަންގެ އިސް ސަފުގައި މަަސައްކަތް ކުރާ ވިލިނގިލީގެ ތިން މީހަކު އަނިޔާވެރިކަމާ އެކު ހައްޔަރުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ. އަަދި، އެ ކޯލިޝަނުން އެ ކަން ބަލައިނުގަންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސުލްޙަވެރިކަމާ އެކު، ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށްވާއިރު، އެ ކަންކަމަށް ހުރަސް ނޭޅުމަށް އެ ބަޔާނުގައި ވަނީ ސަރުކާރަށް ގޮވައިލައިފައެވެ.
ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރުން މިހާރަށް މިނިވަންކުރުމަށް ވެސް ބަޔާނުގައި ވަނީ ގޮވައިލައިފައެވެ.