11 Aug 2023, 18:54
ފްރާންސް ތަރި ކިލިއަން އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީ ދޫކޮށްލައިފި ނަމަ، އެކަމުގެ އަސަރު އެެހެން ކުޅުންތެރިންނަށް ކޮށްފާނެކަމުގެ އިންޒާރު އެ ކްލަބުން ދީފިއެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ، ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އެ ކްލަބުން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އޭނާ ވަނީ އެކަމަށް ދެކޮޅަށް ހަދައިފައެވެ. އޭނާ ބޭނުންވަނީ ކުރިއަށްއޮތް ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ. ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ ދެކޮޅު ހަދަމުންދާތީ އެ ކްލަބުން ދަނީ އޭނާއާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޕީއެސްޖީން ވަނީ ކުޅުންތެރިންނަށް އިންޒާރުދިނުމުގެ ގޮތުން ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައިވާ ގޮތުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އެމްބާޕޭ ކްލަބު ދޫކޮށްލައިފި ނަމަ، ގެއްލުން ފޫބެއްދުމަށް އެހެން ކުޅުންތެރިން ވިއްކާލައި ނުވަތަ ދޫކޮށްލުން ފަދަ ކަންކަން ކުރަން ޖެހިދާނެއެވެ.
ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގައި އެމްބާޕޭ ބައިވެރިކޮށްފައި ނުވާ އިރު، އޭނާ ތަމްރީނުކުރަން ޖެހެނީ ރިސާވް ޓީމާއެކުއެވެ. އެހެންކަމުން ސީޒަންގެ ކުރީކޮޅުގައި ކުޅޭ މެޗުތަކުގައި އެމްބާޕޭ ނުފެނުން ގާތެވެ.
ޕީއެސްޖީން ސީޒަންގެ ފުރަތަމަ މެޗަށް މާދަމާ ނުކުންނާނެއެވެ. ފްރާންސް ލީގުގައި ކުޅޭ އެ މެޗުގައި ޕީއެސްޖީ ނުކުންނަން ޖެހޭ ލޮރިއެންޓާ ދެކޮޅަށެވެ.