11 Aug 2023, 18:36
މިއަދު ސަރުކާރުގެ އޯސީއެމް-އައިއޭއެކްސް ކޭބަލް ހުޅުމާލެއާ ގުޅާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ނެޓްވޯކަކާ ރާއްޖެ ސީދާ ގުޅާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
"މި ސަބްމެރިން ކޭބަލާ އެކު، ދިވެހި ރައްޔިތުން ގޮވައިގެން، ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން، އަޅުގަނޑުމެން ދަތުރު މި ފަށަނީ މުޅިން އާ ދުނިޔެއަކަށް" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ޚިދުމަތާ އެކު ކުރިއެރުން ލިބޭނީ ހަމައެކަނި މުވާސަލާތީ ދާއިރާއަށް އެކަނި ނޫން ކަމަށެވެ. އެ ގޮތުން ސިއްހީ، ތައުލީމީ، އަދި އިގްތިސާދީ ގޮތުން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުމުގައި ޑިޖޓަލް ވަސީލަތްތަކުގެ މުހިއްމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް 80 އަހަރު، އަދި އިންޓަނެޓު ތައާރަފުވިތާ 27 އަހަރު ވީއިރު، މި ކުރިއެރުމަކީ މާކުރިން ވެސް ލިބިފައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށެވެ.
"މިދިޔަ 80 އަހަރު ތެރޭގައި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރާދިޔަ އެއް ދާއިރާ އަކީ ޓެކްނޮލޮޖީއާ މުއާސަލާތުގެ ދާއިރާ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އިންސާނުން އީޖާދުކުރި އާޓިފިޝަލް އިންޓެލިޖެންސް އިންސާނުން ފަހާ ދުވަމުން ދާއިރު، ދިވެހިން އަދިވެސް ދުވަން ޖެހިފައި މިއޮތީ އިންޓަނެޓް ސްޕީޑާއި މޯބައިލް ރޭންޖުގެ ފަހަތުން" އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ރައީސް ވިދާޅުވީ އެއީ، އުފެއްދުންތެރި، އީޖާދީ ވިސްނުމުގެ ދިވެހީންނަށް ހައްގު މިންވަރު ނޫން ކަމަށެވެ. އަދި، މިފަދަ ބައިނަލްއަގުވާމީ ކޭބަލަކާ ގުޅާލުމަކީ ދިވެހިންނަށް އެ ހައްގު މިންވަަރު ހޯދައިދެވޭނެ އެންމެ ފަހި ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ކުންފުނި، އޯޝަން ކަނެކްޓުގެ ދަށުން މި ކޭބަލް އެޅުމަކީ ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތްދޭ ކުންފުނިތަކަށް ވެސް ލިބޭ ފަސޭހައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކޭބަލް ވިއުގައާ ގުޅުމުން ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން އެ ކުންފުނިތަކަށް ކުޑަވާނެ" ރައީސް ވިދާޅުވިއެވެ.
އެއާއެކު، ރައްޔިތުންނަށް އަގުހެޔޮ، ސްޕިޑް ބާރު އިންޓަނެޓު ފޯރުކޮށްދެވޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އެއާ އެކު ރާއްޖޭގެ އިގްތިސާދު ދެ ގުނަ ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެހީއަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިމާވެށީގެ ރޮނގުން ވެސް ކުރިއެރުންތަކެއް ހޯދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.