07 May 2012, 13:28
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުނ އަންނަ ތަންތަނުގައި މަދިރިފަނި އުފެދި އާލާވެފައި ހުންނަ ނަމަ އިމާރާތުގެ މަސައްކަތްކުރުމަށް މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލް ކުރުމަށް ހަމަޖައްސައިފި އެވެ.
މަލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ގޮތަށް އަމަލު ކުރުމަށް ނިންމީ މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނުގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ތަން ތަނަކީ އިމާރާތްކުރާ ތަންތަން ކަމަށްވެފައި މަދިރި ނައްތާލުމަށް އެ ފިޔަވަޅު އަޅަން ޖެހޭތީ ކަމަށެވެ.
އެގޮތުން އިމާރާތްކުރާ ތަންނުގައި ބަންދުނުކޮށް ހުންނަ ވަޅާއި ލިފްޓްގޮޅި އާއި އަދި ކޮނެފައި ހުންނަ ފެންގަނޑުގެ އިތުރުން ފެން ހަރުލާފައި ހުންނަ ފައުންޑޭޝަނާއި ޝީޓްތައް ހުންނަކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަވެ އެވެ.
މަލޭ ސިޓީ ކައުންސިލުން ބެލުމަށް ފަހު، އިމާރާތްކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލް ކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލުން ބުނީ ހުއްދަ ވަގުތީ ގޮތުން ބާތިލް ކުރުމަށް ފަހު އަލުން ހުއްދަ ދޫކުރާނީ އެ އިދާރާގެ ވެކްޓާ ކޮންޓްރޯލް ޔުނިޓްގެ މުވައްޒަފުން އިންސްޕެޓް ކުރުމަށް ފަހު މަދިރިފަނި އުފެދިފައިވާ ތަންތަން ނައްތާލެވިފައިވާ ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
"އަދި ޝީޓް އެޅުން ފަދަ މަސައްކަތްތަކަށް މަގު ބަންދުކުރާ ބޯޑާއި މަސައްކަތްކުރާ ބޯޑު ދޫކުރާނީ ވެސް އިދާރާގެ ވެކްޓާ ކޮންޓްރޯލް ޔުނިޓްގެ މުވައްޒަފުން ބެލުމަށް ފަހު މަދިރިފަނި އުފެދި އާލާވެފައިވާ ތަންތަން ނެތްކަން ޔަގީން ކުރުމަށް ފަހު." ކައުންސިލުން ބުނި އެވެ.
މަދިރި ކޮންޓްރޯލް ކުރުމަށް މަލޭ ސީޓީ ކައުންސިލުން ކުރަމުންދާ މަސައްކަތައް ހަރުދަނާ ކުރުމަށް މާލޭގެ ސަރަހައްދުތައް އިންސްޕްކެޓްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލް އިދާރާގެ ކޮމިއުނިޓީ ހެލްތް ސާވީސް އިން ސެކްޝަނުން ދަނީ ކުރަމުންނެވެ.