ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރިޝްވަތުގެ މައްސަލަ ހުށަހެޅުމަށްޓަކައި ޚާއްސަ ޕޯޓަލެއް ގާއިމްކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ، އެ ޕޯޓަލް މެދުވެރިކޮށް އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށް ވެސް އެ މައްސަލައެއް، ޕޯޓަލް މެދުވެރިކޮށް ހުށަހެޅިދާނެ ކަމަށެވެ.

އެގޮތުން އެ ޕޯޓަލްއަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލުއިފޮތްވެސް ބަލައިލެވޭނެ ކަމަށެވެ.

އޭސީސީން ބުނީ، މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކޮށް ދެވޭނެ ކަމަށެވެ. އެހެންނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

"ވިސިލްބްލޯ ކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް މައްސަލައާ ގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މައުލޫމާތު ހިމެނުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ." އޭސީސީން ބުންޏެވެ.

ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި:

  • ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މައުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވަނަމަ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

  • އެ ކޮމިޝަނުގެ އިޚްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅިނަމަވެސް އެފަދަ މައްސަލައެއް އޭސީސީގައި ރަޖިސްޓަރީ ނުކުރެވޭނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި އިންތިޚާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ބޭއްވުމަށް ހަމަޖެހިފައި ވަނީ، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.