އޭއެފްސީ ކަޕުގެ ގްރޫޕް ސީ ގެ ފަހު މެޗް ކުޅުމަށް ވީބީ އައްޑޫ އެފްސީ ކުވައިތައް ފުރައިފި އެވެ.

ރަށުން ބޭރުގައި ކުވައިތު ސްޕޯޓްސް ކުލަބާ ދެކޮޅަށް ވީބީ އަންނަ ބުދަ ދުވަހު ނިކުންނައިރު، އެޓީމް ވަނީ މިހާރުވެސް މުބާރާތުން ކަޓައިފަ އެވެ. އެގޮތުން ވީބީ އިއްޔެ ކުވައިތަށް ފުރީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ނުލައެވެ. އޭގެ ތެރޭގައި ކެޕްޓަން އައްސަދު އަލީ އާއި ވައިސް ކެޕްޓަން ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެ އެވެ.

ގްރޫޕް ސްޓޭޖުގައި ވީބީން މިހާތަނަށް ކުޅުނު ފަސް މެޗުން އެޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެވެ. އެއީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ކުވައިތު ސްޕޯޓްސް ކުލަބާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުން 2-2 ލަނޑުން އެއް ވަރު ވުމުން ލިބުނު ހަމައެކަނި ޕޮއިންޓެވެ.

މިގްރޫޕްގެ އެއް ވަނައިގައި 11 ޕޮއިންޓާއެކު ސައުދިއަރަބިއްޔާގެ އަލްއިއްތިހާދު އޮތްއިރު، ދެ ވަނައިގައި އޮތީ އަށް ޕޮއިންޓާއެކު އޮތް ކުވައިތު ސްޕޯޓްސް ކުލަބެވެ. އަދި ތިން ވަނައިގައި ހަތް ޕޮއިންޓާއެކު ލުބްނާންގެ އަލްއަހުދު އޮތް އިރު، ގްރޫޕްގެ އެންމެ ފުލުގައި ވީބީ އޮތީ އެއް ޕޮއިންޓާއެކު އެވެ.