11 Aug 2023, 10:54
ހޮލީވުޑްގެ އެންމެ ބޮޑު އެއް މިއުޒިކަލް އާޓިސްޓު ކަމަށްވާ ރިއާނާ އަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.
އުމުރުން 35 އަހަރުގެ ރިއާނާ، ފީނިކްސްގައި އޮތް މިއަހަރުގެ ސުޕާ ބޯލް ހާފްޓައިމްގައި ލަވަކިޔަމުން ޕާފޯމްކުރިއިރު އޭނާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް އިއުލާނު ކޮށްފައި ވަނީ ޕަފޯމެންސްގެ ތެރެއިންނެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެތައް އަހަރެއް ވަންދެއް މިއުޒިކާ ދުރުގައި ހުރުމަށްފަހު ސުޕަބޯލުން ޕަފޯމް ކުރާ ވާހަކަ ބުނުމުން އެތައް ބަޔަކު ތިބީ އޭނާގެ މިއުޒިކް ފެންނާނެ ކަމަށް އިންތިޒާރު ކޮށްގެނެވެ. ނަމަވެސް އެންމެނަށް ސަޕްރައިޒެއް ދެމުން ރިއާނާ އިއުލާނު ކުރީ އޭނާ ދެވަނަ ދަރިއަކަށް ބަލިވެ އިން ކަމެވެ.
އެއަށްފަހު މީޑިއާއިން ވަނީ ރިއާނާ އާންމު ގޮތެއްގައި ފެނިފައެވެ. އަދި އޭނާގެ މާބަނޑު އެތައް ފޮޓޯތަކެއް ވަނީ ވެސް އާންމުކޮށްފައެވެ.
ރިއާނާގެ ގާތް މީހަކު ޓީއެމްޒީއަށް މައުލޫމާތު ދިން ގޮތުގައި ރިއާނާއަށް ވަނީ މި ހަފުތާގެ ތެރޭގައި ދަރިއެއް ލިބިފައެވެ. މިފަހަރު ރިއާނާއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ދެމައިންގެ ހާލު ވެސް ރަނގަޅެވެ. އަދި ދެމީހުން ވެސް މިވަގުތު ތިބީ ގޭގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރިއާނާ އާއި ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީ އާ ދެމީހުންނަށް ދެވަނަ ދަރިއެއް ލިބެން އުޅޭ ކަމަށް އިއުލާނުކޮށްފައިވަނީ ދެމީހުންނަށް ފުރަތަމަ ދަރިއެއް ލިބުނުތާ އަހަރެއް ވެސް ނުވަނީހެވެ. ރިއާނާ އާއި އޭސެޕް ރޮކީ އަށް މޭ 2022 ގައި ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ.
މިއަހަރުގެ ސުޕަބޯލްގައި ޕަފޯމް ކުރުމާއެކު ރިއާނާ ވަނީ ތަފާތު ރެކޯޑެއް ހޯދާފައެވެ. އެއީ ފުރަތަމަ މާބަނޑު ޕަފޯމާގެ މަގާމެވެ. މި އަހަރުގެ ސުޕަބޯލްގައި ރިއާނާ ވަނީ އޭނާގެ ބައެއް ބޮޑެތި ހިޓްތައް ޕަފޯމް ކޮށްފައެވެ. އޭގެތެރޭގައި "ޑައިމަންޑްސް" އާއި "ވޯކް" ފަދަ ލަވަތައް ހިމެނެއެވެ.